އިމާރާތެއްގެ 9 ވަނަ ފަންގިފިލާއިން ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުވާލައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި، ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އެކަމަށްޓަކައި ރައީސް ނެރުއްވި ގަރާރަކުން ވަނީ ކޮމިޝަން އުވާލައްވާފަ އެވެ. މި ކޮމިޝަން އުފައްދާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، 27 އެޕްރީލު 2025 ގައެވެ.
ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ހާދިސާއާ ގުޅިގެން މިނިވަން އަދި މުސްތަގިއްލު ތަހުގީގެއް ކުރުމާއި، ކަމާބެހޭ މުއައްސަސާތަކުން ކޮށްފައިވާ މަސައްކަތްތައް ބެލުން ހިމެނެއެވެ. ކޮމިޝަނުން 17 ޖޫން 2025 ގައި ނެރުނު ރިޕޯޓުގައި، ފުލުހުންގެ އިހުމާލުތަކާއި، މައްސަލައިގައި ސަރުކާރުގެ އިސް ފަރާތްތަކުގެ ދައުރު ފާހަގަކޮށްފައިވެ އެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، ހޯމް މިނިސްޓަރު އަލީ އިހްސާން، މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތެއްގެ ގާތް ތިމާގެ މީހަކަށް މަޢުލޫމާތު ފޯރުކޮށްދިން ކަމަށް ބުނެފައިވީ ނަމަވެސް، މިނިސްޓަރާ މެދު ފިޔަވަޅު އެޅުމަށް ހުށަހަޅާފައެއް ނުވެ އެވެ. އަދި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން، ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ޕޮލިސް ކޮމިޝަނަރާ މުޢާމަލާތްކުރި ގޮތްވެސް ވަނީ ފާހަގަކޮށްފަ އެވެ.
ޔުމްނުގެ އާއިލާއިން ވަނީ މި ކޮމިޝަނަށް އިތުބާރު ނުކުރާ ކަމަށާއި، މައްސަލައިގައި އިންސާފު ލިބޭނެ ކަމާމެދު އުންމީދު ކުޑަކަމަށް ބުނެފަ އެވެ. އަދި ޔުމްނުގެ ބަޔާން ފުލުހުންނަށް ދިނުމަށް އާއިލާއިން ވަނީ އިންކާރުކޮށްފަ އެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއަށާއި، ސިއްހީ ވުޒާރާއަށް ވަނީ އަންގާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީސް ރިޔާސީ ކޮމިޝަން އަންހެނަކު ވެއްޓުން
