އާންމުން ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން މުދަލު ޒަކާތް ދައްކަން ޖެހޭނީ އެ ކޯޕަރޭޝަނުން ކަމަށް ފުތުވާ މަޖިލީހުން ހާމަކޮށްފި އެވެ.
ހައްޖަށް ދިއުމަށްޓަކައި ދިގު ކިޔޫއަކަށް މިހާރު އަރަން ޖެހޭއިރު އެ ކިޔޫގައި ޖެހެވެނީ ވަކި ވަރަކަށް ފައިސާ ދައްކައިގެންނެވެ.
ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ގުޅޭ ގޮތުން ފަތުވާ މަޖިލީހަށް ހުށަހެޅުނު މައްސަލައާ ގުޅިގެން އެ މަޖިލީހުން މިއަދު ވަނީ އެކަމާއި ގުޅޭ ގޮތުން ފަތުވާއެއް ނެރެފަ އެވެ.
އެ މައްސަލަ ދިރާސާކުރުމަށް ފަހު، އާންމުން ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ ހައްޖު ކޯޕަރޭޝަނުން ކަމަށް، ފަތުވާ މަޖިލީހުން ނެރުނު ފަތުވާގައިވެ އެވެ.
ރާއްޖެއިން މިހާރު މީހުން ހައްޖަށް ގެންދަނީ ހައްޖު ކޯޕަރޭޝަނުންނެވެ. ހައްޖަށް ދިއުމަށް އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގަކީ 69،965 ރުފިޔާ އެވެ.
އިސްލާމިކް މިނިސްޓްރީން މީގެ ކުރިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 101.94 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.