ސްކޭމްގެ މައްސަލަތަކުން އިސްރަށްވެހިން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ފުލުހުން ކުރިއަށް ގެންގޮސްފި އެވެ.
ހެންވޭރު ޕޮލިސް ނެއިބަހުޑް ސަޕޯޓާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ޖުލައި މަހުގެ 8 ވަނަ ދުވަހު އިސްރަށްވެހިންގެ ނާދީގަ އެވެ.
މި ސެޝަނުގައި، ސްކޭމްތަކުގެ ބާވަތްތަކާއި ހާއްސަކޮށް އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ އަމަލުތަކާއި، ފޯނުން ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރާ މަސައްކަތްތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދީފައިވެ އެވެ.
މީގެ އިތުރުން، އިސްރަށްވެހިންނަކީ ސްކޭމްކުރާ ފަރާތްތަކުގެ ޝިކާރައަކަށްވުމުގެ ފުރުސަތު ބޮޑު ބައެއް ކަމަށްވާތީ، އެފަދަ އަމަލުތަކުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަން ކިޔައީފައިވެ އެވެ. އެގޮތުން، ނުދަންނަ ނަންބަރުތަކުން ގުޅިޔަސް އަދި އެފަދަ ނަންބަރަކުން މެސެޖެއް އައިކަމުގައި ވިޔަސް ޖަވާބުނުދިނުމަށާއި ގޮތްނޭނގޭ އެއްވެސް ލިންކަކަށް ނުވަނުމަށް ނަސޭހަތްތެރިވެފައިވެ އެވެ. އަދި ޒާތީ މައުލޫމާތާއި ބޭންކު އެކައުންޓާއި ކޭޝް ކާޑާއި ޕިން ނަމްބަރު ފަދަ މައުލޫމާތު ނުދިނުމަށާއި ފައިސާގެ މުއާމަލާތްތައް ކުރާއިރު ސަމާލުވުމަށް ބުނެދީފައިވެ އެވެ.
މުޖުތަމައުގެ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ހާއްސަކޮށް އިސްރަށްވެހިންނަށް ދިމާވެދާނެ މާލީ ގެއްލުންތަކުން ރައްކާތެރިކޮށް، ސަލާމަތީ ކަންކަން ހަރުދަނާކުރުމަށްޓަކައި މި ސެޝަނަކީ ވަރަށް މުހިންމު ސެޝަނެއް ކަމުގައި އިސްރަށްވެހިންގެ ނާދީގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ.
ފުލުހުންނާއި ނާދީ ގުޅިގެން މިފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި ވަރަށް ބޭނުންތެރިކަމެއް ކަމަށާއި އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ މިފަދަ ޕްރޮގްރާމްތައް އިތުރަށް ކުރިއަށް ގެންދާނެކަމަށް ވެސް އިސްރަށްވެހިންގެ ނާދީގެ ފަރާތުން ފާހަކޮށްފައިވެ އެވެ.
އިސްރަށްވެހިންގެ ނާދީ މަކަރާއި ހީލަތް ހެދުން ދިވެހި ފުލުހުންގެ ޚިދުމަތް
