މި 5 އަހަރުގެ ތެރޭގައި ވަޒީފާގެ މާހައުލުގައި ހުނަރުވެރި ދިވެހިން އުފެއްދުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާދު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވެފައި ވަނީ، އިންސާނީ ވަސީލަތް ބޭނުންވާ މިންވަރު ދެނެގަތުމުގެ ގައުމީ ސަރވޭ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސި އިންތިހާބުގައި ހުށަހެޅި މެނިފެސްޓޯގައި ވަޒީފާގެ ފުރުސަތު ދިވެހިންނަށް ހޯދައިދިނުމުގެ ވާހަކަ ހިމަނާފައިވާނެ ކަމަށެވެ. ވަޒީފާއެއްނެތް ދިވެއްސެއް ނުހުންނާނެ މިންވަރަށް މި ހިނގަމުންދާ 5 އަހަރުގެ ތެރޭގައި ވަޒީފާގެ ފުރުސަތު ތަނަވަސް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދެއްގެ ގޮތުގައި އިއުލާނު ކުރަށްވާފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
އެ އަމާޒަށް ވާސިލްވުމަށް މި ނިމިދިޔަ 18 މަސްދުވަހުގެ ތެރޭގައި ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވާކަން ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ. އެގޮތުން، ދިވެހިންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ ހާއްސަ ދާއިރާތައް ކަނޑައަޅުއްވައި ވަޒީރުންގެ މަޖިލީހުން ނިންމަވައި މިހާރު އެކަން އިއުލާނު ކުރަށްވާފައިވާފައިވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.
”ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ ފަދަ ދިވެހިންގެ ހިދުމަތް މުހިންމު ދާއިރާތަކުން ދިވެހިން އިތުރު ކުރުމަށް ހާއްސަ އިނާޔަތްތައް ސަރުކާރުން މިހާރު އެދަނީ ތާރަފް ކުރަމުން.“ ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ، ޓުއަރިޒަމްގެ ދާއިރާއާއި އިމާރާތް ކުރުމުގެ ދާއިރާފަދަ މި ގައުމުގައި ހުރި މުހިންމު ބޮޑެތި ސިނާއަތްތައް، ޑޮކްޓަރުންނާއި ޓީޗަރުންފަދަ އިންސާނީ ވަސީލަތް ގިނައިން ބޭނުންވާ ދާއިރާތަކުގެ ވަޒީފާގެ ހާލަތާމެދުވެސް މިކަމުގައި އަލިއަޅުވާލާފައިވާ ކަމަށެވެ.
”އިރާދަ ކުރެއްވިއްޔާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ޒައާމަތުގައި މި ނޫންވެސް އިތުރު ސިނާއަތްތައް ތައާރަފު ކުރެވިގެންދާނެ. އަދި މި ސިނާއަތްތަކަށް މަސައްކަތްތެރި އަތްތަކާއި ރޭވުންތެރި ސިކުނޑިތަކެއް ބޭނުންވާގެންދާނެ.“ ނައިބު ރައިސް ވިދާޅުވި އެވެ.
މީގެއިތުރުން ސްޕެޝަލް އިކޮނޮކިމް ޒޯނާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރަކާއި ބަންކަރިން ހިދުމަތް އަދި ސީޓުއެއާ ކާގޯގެ ހިދުމަތް ފަށާފައިވާ ކަމަށާއި، އެކަންކަމަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް
