ރާއްޖޭގައި ގިނަ ދަރިން ނުހޯދާ ބޮޑު ދެ ސަބަބަކަކީ ގެދޮރާއި މާލީ ދަތިކަން ކަމަށް ގައުމީ ޔުނިވާސިޓީން ހެދި ދިރާސާއަކުން ދައްކައިފި އެވެ.
”ރާއްޖޭގައި އިޖުތިމާއީ އަދި އިގުތިސާދީ ސަބަބުތަކުގެ ސަބަބުން ދަރިމައިވުން ދަށްވުން“ މައުޟޫއަށް ޔޫއެންއެފްޕީއޭއާ ގުޅިގެން ހެދި ދިރާސާގެ ނަތީޖާ ނެރެފައިވާއިރު އޭގައި ވަނީ މަދުން ދަރިން ހޯދާ ސަބަބާއި އެކަން މަތިކުރަން ކުރެވިދާނެ ކަންތައްތައް ފާހަގަކޮށްފަ އެވެ.
މި ދިރާސާގައި ބައިވެރިވެފައިވަނީ 18-49 އަހަރުގެ 479 އަންހެނުންނެވެ. އަދި ފޯކަސް ގްރޫޕު ޑިސްކަޝަންގައި ސިއްހީ ދާއިރާގެ މީހުންނާއި ފިރިހެނުން ބައިވެރިކޮށްފައިވެ އެވެ.
މައުލޫމާތު އެއްކުރި އަންހެނުންގެ 10 ޕަސެންޓް މީހުން ކައިވެނި ނުކޮށް ތިބިއިރު 83 ޕަސެންޓު މީހުންނަކީ އެ މީހުންގެ ފުރަތަމަ ކައިވެނީގައި ތިބި މީހުންނެވެ. އަދި 33 ޕަސެންޓް މީހުން ބުނީ އެ މީހުންނާ އެކު ދަރިން ދިރިނޫޅޭ ކަމަށެވެ. އަދި 27 ޕަސެންޓު މީހުންނަށް އަދި ދަރިން ނުލިބޭކަން ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
މި ދިރާސާގައި ބައިވެރިވި 55.5 ޕަސެންޓު އަންހެނުން ބުނެފައިވަނީ އެމީހުން ބޭނުންވިނަމަވެސް ގިނަ ދަރިން ނުހޯދަނީ ދިރިއުޅޭނެ ޖާގަ ނެތުމުން ކަމަށެވެ. އަދި 40.9 ޕަސެންޓު އަންހެނުން ބުނީ އެމީހުން ގިނަ ދަރިން ނުހޯދަނީ މާލީ ދަތިތަކާ ހެދި ކަމަށެވެ. ދިރާސާއިން ދައްކާގޮތުގައި 27 އިންސައްތަ މީހުްނ ދެވަނަ ދަރިޔަކު ނުހޯދަނީ ސިއްހީ ސަބަބުތަކާ ހެދި އެވެ.
ޔޫއެންއެފްޕީއާ ގުޅިގެން ގައުމީ ޔުނިވާސިޓީން ހަދާފައިވާ ދިރާސާގައި ބައިވެރިވި 43.3 އިންސައްތަ އަންހެނުން ބުނެފައިވަނީ މާލީ މަންފާ ލިބޭ ގޮތަށް ޕޮލިސީތައް ބަދަލުކުރުމުން ގިނަ ދަރިން ހޯދުމަށް ބާރު ލިބޭނެ ކަމަށެވެ. އަދި ޖާގަ ތަނަވަސް ގެދޮރުގެ ފުރުސަތު ފަހިކޮށްދިނުމަކީ ވެސް ގިނަ ދަރިން ހޯދުމަށް މަގުފަހިކޮށްދެވޭނެ ކަމެއް ކަމަށް 16.8 ޕަސެންޓު އަންހެނުން ބުނެފައިވެ އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ބޯހިޔާވަހިކަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ