ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ތާޒާ ފެން އުފައްދާ އައިލެންޑް ބެވަރޭޖް މޯލްޑިވްސް (އައިބީއެމް) ގުޅިގެން ހުޅުމާލޭގައި ޓްރެޝާ ހަންޓެއް ފަށައިފި އެވެ.
އައިބީއެމް އިން ބުނީ ’ފެންކޮއެ ހަންޓް‘ ގެ ނަމުގައި ކުރިއަށް ގެންދާ މި ޓްރެޝާ ހަންޓް ފަށާފައިވަނީ އިއްޔެ ކަމަށެވެ. ފެންކޮއެ އަކީ ތާޒާގެ މެސްކޮޓް އެވެ.
ފެންކޮއެ ހަންޓް ކުރިއަށް ދާނީ މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އައިބީއެމް އިން ބުނެ އެވެ. މި ހަންޓުގައި ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައި ހުންނަ ކިއުއާރް ކޯޑުތަކެއް ސްކޭން ކުރުމުން ވާޗުއަލް ކަލެކްޓިބަލްސް ލިބޭނެ ކަމަށާއި ކޮންމެ އެއްޗަކަށްވެސް ތަފާތު ޕޮއިންޓް ލިބޭނެކަމަށް އައިބީއެމް އިން ބުނެ އެވެ.
ޕޮއިންޓް ލިބޭ ގޮތް:
- އެޕިކް: 20 ޕޮއިންޓް
- ލެޖެންޑެރީ: 50 ޕޮއިންޓް
- މިތިކް: 100 ޕޮއިންޓް
މި ހަންޓުގައި ބައިވެރިވުމަށް އެޗްޑީސީގެ ވެބްސައިޓްގައިވާ ލިންކަކުން ރެޖިސްޓާ ކުރެވޭނެ އެވެ. މި ހަންޓަށް ރެޖިސްޓާ ކުރެވޭނީ ފޯން ނަމްބަރު މެދުވެރިކޮށެވެ. ރަޖިސްޓާ ކުރުމުން އޮންލައިންކޮށް ވަގުތުން ޕޮއިންޓް ލީޑާ ބޯޑު ބަލާލެވޭނެ އެވެ. މީގެ އިތުރުން ކިއުއާރް ކޯޑު ފޮރުވާފައިވަ ސަރަހައްދުތައް އޮންލައިންކޮށް މެޕުން ބަލާލެވޭނެކަމަށް އައިބީއެމްއިން ބުނެ އެވެ.
ފެންކޮއެ ހަންޓުގެ އެންމެ ފުރަތަމަ 5 ލޮކޭޝަން މިހާރު ވަނީ އަޕްޑޭޓްކޮށްފަ އެވެ. މި ސަރަހައްދުތަކުގެ ތެރޭގައި ހުޅުމާލޭގައި ހުންނަ އެމްޓީސީސީ ފެރީ ޓާމިނަލް ހިމެނޭ ސަރަހައްދާއި މުޅި ސެންޓްރަލް ޕާކާއި ސިންތެޓިކް ޓްރެކް ހިމެނެ އެވެ.
ފެންކޮއެ ހަންޓުން އެންމެ ގިނައިން ޕޮއިންޓް ހޯދާ 3 ފަރާތަކަށް ފައިސާގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ދޭ އިނާމުތައް:
- 7،000 ރުފިޔާ
- 4،000 ރުފިޔާ
- 2،000 ރުފިޔާ
އައިބީއެމް އިން ބުނީ މި ހަންޓަކީ ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުމުގެ މުނާސަބަތުގައި އެޗްޑީސީން ކުރިއަށް ގެންދާ މައި ހުޅުމާލެ ފެސްޓިވަލްގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
