ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އދ. ދަނގެތީގައި އަލަށް އިންޖީނުގެއެއް ޤާއިމްކުރުމާއި ކަސްޓަމަރ ސަރވިސް ބިލްޑިންގ އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ސްޓެލްކޯގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އާއި މަސައްކަތާ ހަވާލުވި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ ހުސައިން ތަސްމީނެވެ. މި މަޝްރޫޢުގެ އަގަކީ 14،870،413 ރުފިޔާ ކަމަށާއި، 330 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ ދަނގެއްޗަކީ ލޯކަލް ޓުއަރިޒަމްގައި ކުރިއަރަމުން އަންނަ ރަށެއް ކަމަށާއި، ގެސްޓްހައުސްތައް އިތުރުވުމާއެކު ކަރަންޓުގެ ބޭނުން އިތުރުވަމުންދާތީ އައު އިންޖީނުގެއެއް ވަރަށް މުހިންމު ކަމަށެވެ. އަދި މި މަޝްރޫޢު ނިމުމުން ދަނގެތީގެ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ޚިދުމަތެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދު ވިދާޅުވީ މިއަދަކީ ދަނގެތީގެ ރައްޔިތުންނަށް އުފާވެރި ދުވަހެއް ކަމަށާއި، މިއީ ގިނަ ދުވަހުގެ އިންތިޒާރަކަށްފަހު ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި މިހާރުގެ އިންޖީނުގެ ހުރި ތަނުގެ ސަބަބުން ކައިރީގައި ހުރި ގެތަކަށާއި ގެސްޓްހައުސްތަކަށް ދިމާވާ ދަތިތައް ޙައްލުވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދަނގެތީ ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ މިއީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، މިކަމަކީ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ކަމެއް ކަމަށެވެ. އަދި މިހާރުގެ އިންޖީނުގެ ހުރި ތަނުގެ ސަބަބުން އެ ސަރަހައްދުގައި އިމާރާތްކުރަން ނުފެށި ތިބި ފަރާތްތަކަށް މިއީ ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދަނގެއްޗަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކައުންސިލުން މަސައްކަތްކުރަމުން އަންނަތާ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.



