ވަގު ފޯމެއްގައި މިނިސްޓްރީގެ މުވައްޒަފަކު ސޮއިކޮށްފައިވާނަމަ ފިޔަވަޅު އަޅާނަން: މިނިސްޓަރު އިހުސާން

Advertisement

އެންމެ ފަސް

Advertisement

ޕާޓިއަކަށް މީހުން ވެއްދުމަށް ފުރާފައިވާ ވަގު ފޯމެއްގައި ހޯމް މިނިސްޓްރީގެ މުވައްޒަފަކު ސޮއިކޮށްފައިވާކަން އެނގޭ ދުވަހަކުން އެއީ ކޮންމެ މުވައްޒަފަކަށް ވިޔަސް ފިޔަވަޅު އަޅުއްވާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މިއަދާ ހިސާބަށް ދައުލަތުގެ އެއްވެސް އިދާރާއަކުން، ސައްހަ ނޫން ފޯމެއްގައި ހޯމް މިނިސްޓްރީގެ އެއްވެސް އިސްވެރިއަކު ސޮއިކޮށްފަ އެއީ މައްސަލައެއްކަމުގައި ފާހަގަކޮށްފައިވާކަން ހޯމް މިނިސްޓްރީއަށް އަންގާފައި ނުވާ ކަމަށެވެ.

އެކަން އަޅުގަނޑުމެންނަށް އަންގާ ދުވަހަކީ އެއީ ކޮންމެ މުވައްޒަފެއް ވިޔަސް އިސްތިސްނާއެއް ނުކޮށް އެ މުވައްޒަފަކާ ދޭތެރޭ އަޅާނެ ފިޔަވަޅު އަޅުގަނޑުމެން އަޅާނެ ދުވަސް.

މީގެ އިތުރުން މިނިސްޓަރު އިހުސާން ވަނީ ހޯމް މިނިސްޓްރީގެ ދަށުން ހިނގާ ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން ރައްޔިތުންގެ ޒާތީ މައުލޫމާތު ލީކުވެ އެއްވެސް ސިޔާސީ ޕާޓީއަކަށް ބަޔަކު ވައްދާފަ ހުރި ކަމަކީ އެއްވެސް ދައުލަތުގެ އިދާރާއަކުން ’އެސްޓެބްލިޝް‘ ކޮށްފަ އޮތް ފެކްޓެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ބެލި ބެލުމުން 2014 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ބެލުމުގެ ދަށުގަ ހުރި ޑޭޓާތައް ލީކުވެ އެކި އެކި ސިޔާސީ ފަރާތްތަކުން އެ މައުލޫމާތުތައް ސިޔާސީ މަސައްކަތުގައި ބޭނުން ކޮށްފައިވާކަން ޔަގީން ކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން މި ސަރުކާރު އައި ފަހުން ހޯމް މިނިސްޓްރީން ވަރަށް ބައިވަރު ފިޔަވަޅުތައް އަޅާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ސިސްޓަމް ތެރޭގައި އެކްސެސް ލޮގްތައް ހުރިކަން ކަށަވަރުކޮށްފައިވާނެ ކަމަށާއި ސިސްޓަމުގައި ޕެނެޓްރޭޝަން ޓެސްޓެއް ހެދުމުގެ އިތުރުން ސިސްޓަމް ޕެޗުކޮށްފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ޑޭޓާއަށް އެކްސެސް އޮންނަ ހުރިހާ މުވައްޒަފުންނަށް އެކްސެސް ވަނީ އެ މުވައްޒަފުންގެ މަސައްކަތަށް ރަސްމީ ގޮތުން ބޭނުންވާ ވަރަށް އެކަނިކަމަށް ކަށަވަރު ކުރެވިފައިވާކަމަށްވެސް އިހުސާން ވިދާޅުވި އެވެ.

ޕީއެންސީއަށް މީހުން ވެއްދުމަށް ވަގު ފޯމު ފުރާފައިވާ ކަމަށާއި އެ ފޯމުތަކުގައި ހޯމް މިނިސްޓްރީގެ އިސްވެރިން ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާކަމަށް މީގެ ކުރިން ވަރަށް ގިނަ ވާހަކަތައް ދެކެވުނެވެ. ނަމަވެސް މި މައްސަލައިގައި މިހާތަނަށް ހޯމް މިނިސްޓްރީގެ މުވައްޒަފަކު ވަގު ފޯމެއްގައި ސޮއިކޮށްފައިވާކަން ކަށަވަރުވެފައެއް ނުވެ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލިސް ކޮންގްރެސް ޕާޓީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މެންބަރު މީކާއިލް ނަސީމް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ