ސްޕޯޓްސް ފިޝިންގ އަށް ޚާއްސަ އައު ކަނދުފައްޗެއް ށ. އަތޮޅު ނަލަންދޫ އިރު ދެކުނުން 4 މޭލު ބޭރުގައި އަޅައިފި އެވެ.
މި ކަނދުފަތި އެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ފިޝަރީޒް މިނިސްޓްރީއާއި ށ. ފޭދޫ ކައުންސިލާ ދެމެދު މިއަހަރުގެ ފެބްރުއަރީ މަހު ކުރެވުނު މަޝްވަރާތަކަކަށް ފަހުގަ އެވެ. ފިޝަރީޒް މިނިސްޓްރީން ފާހަގަކުރި ގޮތުގައި ސްޕޯޓްސް ފިޝިން ކަނދުފަތިތަކަކީ މިހާރު ވަރަށް ޑިމާންޑް ބޮޑު ކަނދުފަތިތަކެކެވެ.
އޭގެއިތުރުން އަޅާފައިވާ ކަނދުފަތިތައް؛
- ށ. ނަލަންދޫ އިރު ދެކުނުން 4 މޭލު ބޭރުގައި ވަދު ކަނދުފައް
- ހދ. ކުޅުދުއްފުށީ އިރު ދެކުނުން 15.5 މޭލު ބޭރުގައި ދޮށީ ކަނދުފައްޗެއް
- ގދ. ދިގެލާބަދޫގެ ހުޅަނގު ދެކުނުން 5 މޭލު ބޭރުގައި ދޮށީ ކަނދުފައްޗެއް
- ކ. ގާފަރު އިރުން 13.5 މޭލު ބޭރުގައި ދޮށީ ކަނދުފައްޗެއް
- ނ. މާފަރު އިރުން 9.5 މޭލު ބޭރުގައި ދޮށީ ކަނދުފައްޗެއް
ރާއްޖޭގައި މިވަގުތު ދެ ބާވަތެއްގެ ކަނދުފަތި ބޭނުންކުރެވެމުން ދެއެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މިވަގުތު ޖުމްލަ 91 ކަނދުފަތި ވަނީ އަޅާ ފައެވެ. މީގެ ތެރޭގައި ހިމެނެނީ ދޮށީގެ މަސްވެރިކަމަށް އަޅާފައިވާ 65 ކަނދުފައްޗާއި ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ 26 ކަނދުފައްޗެވެ.
މި އައު ކަނދުފަތި އެޅުމާއެކު، އެ ސަރަހައްދުގެ މަސްވެރިންނަށާއި ސްޕޯޓްސް ފިޝިންގގެ ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.
މަސްވެރިކަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް



