ތ. އަތޮޅު ވޭމަންޑޫގައި ޑަޔަލިސިސްގެ ޚިދުމަތް މި ހަފްތާގައި ފެށުމަށް ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ވޭމަންޑޫގައި ޑަޔަލިސިސް ހިދުމަތް ފަށާއިރު، ނ. އަތޮޅު ވެލިދޫގައިވެސް މި މަހުގެ ތެރޭގައި މި ޚިދުމަތް ފެށުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން އެކަމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޑަޔަލިސިސްގެ ޚިދުމަތް އެންމެ ފަހުން ފަށާފައިވަނީ ހއ. އިހަވަންދޫގަ އެވެ. މިހާރު މި ޚިދުމަތް ނުލިބޭ އަތޮޅުތަކުގެ ތެރޭގައި އއ، އދ، ވ، މ، ފ އަދި ދ އަތޮޅު ހިމެނެ އެވެ. ހެލްތު މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް މި ހުރިހާ އަތޮޅެއްގައިވެސް ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް ވަނީ ރޭވިފަ އެވެ.
ކިޑްނީގެ ބޮޑެތި ބަލިތަކުގައި އެންމެ މުހިންމު ޚިދުމަތް ކަމަށްވާ ޑަޔަލިސިސްއަކީ އެއް ފަހަރު ހަދަން މަދުވެގެން ހަތަރު ގަޑިއިރު ނަގާ ޚިދުމަތެކެވެ. މާލެއާ އެއްފެންވަރަށް ޑަޔަލިސިސް ސެންޓަރުގެ ޚިދުމަތް ކޮންމެ އަތޮޅެއްގެ މައި ހޮސްޕިޓަލުން ލިބޭނެ ގޮތް ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ކުރިން ވަނީ ހާމަކޮށްފަ އެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ޚިދުމަތް ތަޢާރަފްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ނ. ވެލިދޫ މިނިސްޓްރީ އޮފް ހެލްތް ތ. ވޭމަންޑޫ