2017 ވަނަ އަހަރު މާލޭގައި އަނިޔާވެރި ގޮތަކަށް މަރާލި ރ. މީދޫ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ބަންދު ނުކުރަން ހައިކޯޓުން ނިންމި މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
އަނަސް މަރާލި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވަނީ، މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާޤު، ޅ. ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާން އަދި މ. ދިމިޝްގު، އުޘްމާން ޝަރީފްގެ މައްޗަށެވެ. މި މައްސަލައިގައި، ގަސްދުގައި މީހަކު މަރާލުމުގައި ބައިވެވުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ލ. ގަން، ތުނޑި، ނަންނާރިގެ ޖުނައިދު އަބްދުﷲ، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ޝާޒްގެ މައްޗަށެވެ.
މި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2025 ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. މި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު ވަނީ މި މީހުންގެ އިސްތިއުނާފު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދިފަ އެވެ. ނަމަވެސް ހައިކޯޓުން މާޗު މަހުގެ ތެރޭގައި ނިންމާފައިވަނީ މި މީހުން ބަންދު ނުކުރުމަށެވެ.
މި މައްސަލައިގައި ހިމެނޭ މީހުން ބަންދު ނުކުރުމަށް ހައިކޯޓުން ނިންމި ނިންމުން ޕީޖީިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ހަފުތާގަ އެވެ. މި މައްސަލަ ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން އަދި ވަކިގޮތެއް ނުނިންމަ އެވެ.
ހައި ކޯޓު އަނަސް މަރާލި މައްސަލަ ސުޕްރީމް ކޯޓު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)



