1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް އައި އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށް މަހަކު 9،000 ރުފިޔާގެ އިނާޔަތެއް ދޭން ސަރުކާރުން ނިންމައިފި އެވެ.
މި ނިންމުން ހާމަކޮށްފައިވަނީ ޑނީ ޑިފެންސް މިނިސްޓްރީން ދިވެހިރާއްޖޭގެ ގެޒެޓުގައި ކުރި އިޢުލާނަކުންނެވެ. މި އިޢުލާނާއެކު އިނާޔަތް ދިނުމުގެ އުސޫލުވެސް ގެޒެޓްކޮށްފައިވެ އެވެ.
އުސޫލުގައިވާ ގޮތުން، ޝަހީދުވި ސިފައިންގެ އާއިލާގެ މެންބަރުންގެ ތެރެއިން މައިންބަފައިންނާއި، ދަރިން އަދި ހުވަފަތް އަނބިން ކުރެ ކޮންމެ މީހަކަށް މަހަކު 9،000 ރުފިޔާގެ އިނާޔަތެއް ލިބޭނެ އެވެ. އަދި އެ ދުވަހުގެ އުދުވާނީ ހަމަލާގައި ދިވެހި ސިފައިންނަށް ކާމިޔާބު ހޯދައިދިނުމަށް ހިތްވަރު ދެއްކި އެހެން މީހުންނަށްވެސް މަހަކު އިނާޔަތެއް ލިބޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން:
– ހުރަވީ ރަން މެޑަލް ލިބިފައިވާ މީހުންނަށް މަހަކު 9،000 ރުފިޔާ
– ހުރަވީ ރިހި މެޑަލް ލިބިފައިވާ މީހުންނަށް މަހަކު 8،000 ރުފިޔާ
– ހިތްވަރު ގަދަކަމުގެ ކުލަ ލިބިފައިވާ މީހުންނަށް މަހަކު 6،000 ރުފިޔާ
ނަމަވެސް މި އިނާޔަތް ލިބޭ މީހަކު ނިޔާވެއްޖެނަމަ އެ އިނާޔަތް ދިނުން ނިމުމަކަށް އަންނާނެ ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.
ޑިފެންސް މިނިސްޓްރީގެ އިއުލާންގައިވާގޮތުން މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމަކާ ގުޅިގެން ދޭން ފެށި އިނާޔަތެކެވެ. އަދި މިއީ 1988 ގެ އުދުވާނީ ހަމަލާގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކޮށް، އާދަޔާ ޚިލާފު ހިތްވަރު ދެއްކެވި ޤައުމީ ބަޠަލުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމަށާއި، ޤައުމީ ލޯތްބާއި ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ރައީސް މުޢިއްޒު ދެއްވާ ޚާއްޞަ އިސްކަމެއްގެ ތެރެއިން ކުރެވޭ ކަމެއްކަމަށްވެސް އިޢުލާނުގައި ފާހަގަކޮށްފައިވެ އެވެ.
ނޮވެމްބަރ 3، 1988 ވަނަ އަހަރުގެ ހަމަލާގައި 19 ސިފައިންގެ މީހަކު ވަނީ ޝަހީދުވެފަ އެވެ.
ނަސްރުގެ ދުވަސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްއެންޑީއެފް މިނިސްޓްރީ އޮފް ޑިފެންސް ޝަހީދުންގެ ދުވަސް
