ރާއްޖެ ފަދަ ކުޑަ ޤައުމެއްގައި ސުޕްރީމް ކޯޓުގައި 7 ފަނޑިޔާރުން ބެހެއްޓުމުން އެކަށީގެންވާ ނަތީޖާއެއް ނެރެވޭތޯ މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ސުވާލު އުފައްދަވައިފި އެވެ.
ޒަރީރު މިފަދައިން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ބެންޗު މަދު ކުރުމަށް މަޖިލީހުން ފާސްކުރި ބިލު ތަސްދީގު ނުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު، އަނބުރާ މަޖިލީހަށް ފޮނުވާލާފައިއޮތުމުން އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
ޒަރީރު ފާހަގަކުރެއްވި ގޮތުގައި އިތުރުކުރަން ހުށަހަޅާފައިވާ 2 ފަނޑިޔާރުންގެ މުސާރައާއި އިނާޔަތްތަކަށް އަހަރަކު 7.9 މިލިއަން ރުފިޔާ ޚަރަދުވާނެ އެވެ. މިއީ ރާއްޖޭގެ އާބާދީއާއި އާމްދަނީއަށް ބަލާއިރު، އެހެން ޤައުމުތަކާ އަޅާބަލާއިރުވެސް ބޮޑު އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
”ރާއްޖޭގެ ޖުޑިޝަރީ އިސްލާހުކޮށްފައި ނުވާތީ، އެމްޑީޕީއިންނާއި މީގެކުރިން ވެރިކަން ކުރެއްވި ހުރިހާ ރައީސުން ލަދުގަންނަންޖެހޭނެ،“ ޒަރީރު ވިދާޅުވި އެވެ. އަދި ޖުޑިޝަރީ އިސްލާހުނުވާކަން ދައްކުވައިދޭ އެންމެ ބޮޑު އެއް ހެއްކަކީ ކޯޓުތަކުން އިންސާފު ނުލިބުން ޒަރީރު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، ކުރީގެ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅާނެކަމަށް ވަޢުދުވި ކޯޓުތައް އަދިވެސް ނޭޅިވާކަންވެސް މެމްބަރު ފާހަގަކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސްއަށް ތަސްދީޤްކުރަން ފޮނުވި ބިލްގައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރުމަށެވެ. ނަމަވެސް ރައީސް އެ ބިލް ތަސްދީޤްކުރައްވާފައެއް ނުވެ އެވެ.
ބިލް ތަސްދީޤް ނުކުރައްވާ ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ބިލުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދު ކުރުމަށް ހުށަހަޅާފައިވާ އިޖުރާއަތަކީ، ފަނޑިޔާރުކަމުގެ މަގާމަށް އެމީހަކު ޤާބިލުނޫންކަމަށް ޖޭއެސްސީއަށް ޤަބޫލުކުރެވިގެން، އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައި މަޖިލީހުން ފާސްކުރުން ކަމަށެވެ. އަދި ވަކި މުއްދަތުތަކެއްގެ ތެރޭގައި ފަނޑިޔާރުކަމުގެ މަގާމަށް ޤާބިލުނޫން ފަނޑިޔާރުން ކަނޑައަޅައި، އެ އިޖުރާއަތު ފުރިހަމަ ކުރުމަށްވެސް ބިލުގައިވާކަން ފާހަގަ ކޮށްފައިވެ އެވެ.
