ޖަރުމަނު ލީގުގައި ރޭ ހެރީ ކޭންގެ ހެޓްރިކާއެކު ބަޔާން މިޔުނިކުން 4-0 ގެ ނަތީޖާއަކުން ސްޓުޓްގާޓް ބަލިކޮށްފި އެވެ.
ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ސްޓުޓްގާޓުން ވަނީ ފަހަތުގައި މަދުކޮށްގެން، ޑިފެންސިވް ކުޅުމެއް ކުޅެފަ އެވެ. އެކަމުގެ ސަބަބުން، ބަޔާނަށް ފުރަތަމަ ހާފުގައި ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 57 ވަނަ މިނެޓުގައި ކޭން ޖެހި ލަނޑާއެކު، ސްޓުޓްގާޓަށް ވަނި ކުރިޔަށް ޖެހެން މަޖުބޫރު ވެފައެވެ. ކޭން އޭނާގެ ފުރަތަމަ ލަނޑު ޖެހީ ޔޯސުއާ ކިމިކް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އަދި އޭގެ ތިން މިނެޓު ފަހުން ކޭން ވަނީ އިތުރު ލަނޑެއް ޖަހައި، ބަޔާނަށް ލީޑު ފުޅާކޮށްދީފަ އެވެ.
ސްޓުޓްގާޓުން ވަނީ ބަދަލު ތަކެއްކޮށް، ކުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ކޭން ވަނީ އިތުރު ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އަދި އޭގެ ނުވަ މިނެތު ފަހުން ކިންގްސްލީ ކޯމަން ވަނީ ބަޔާންގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. މި ދެ ލަނޑުވެސް ޖަހާފައިވަނީ ސްޓުޓްގާޓް ކުޅުންތެރިޔެއް ގައިގައި ޖެހިފައި އެނބުރި އައި ބޯޅައަކުންނެވެ.
އެންމެ ފަހުން ކުޅުނު ދެ މެޗުން ބަޔާން އެއްވަރުވި ނަމަވެސް، އެ ޓީމުން ވަނީ ސްޓުޓްގާޓް ބަލިކޮށް، އެއްވަނަ މަގާމު ހޯދާފަ އެވެ. ބަޔާނަށް 17 ޕޮއިންތު ލިބިފައިވާއިރު، ދެވަނައިގައި އާރުބީ ލެއިޕްޒިގަށް ވެސް ލިބިފައިވަނީ 17 ޕޮއިންޓެވެ. ބަޔާނުން ކުރިހޯދާފައިވަނީ ފައިދާ ލަނޑުގެ ތަފާތުންނެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހު ބަޔާން ނިކުންނާނީ ބާސެލޯނާ އާ ދެކޮޅަށެވެ.