ޖަރުމަނު ލީގުގައި ރޭ ބަޔާން މިޔުނިކާއި ބަޔާ ލެވަކޫސަން ބައްދަލުކުރިި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ބަޔާންގެ ފޯވާޑް، ހެރީ ކޭން އަށް އަނިޔާވެއްޖެ އެވެ.
އައު ކޯޗު، ވިންސެންޓް ކޮމްޕެނީގެ އިރުޝާދާއެކު ބަޔާނުން އައީ ފުރިހަމަ ރެކޯޑެއް ހަދަމުންނެވެ. އެގޮތުން، އެ ޓީމުން ވަނީ ލީގުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުން މޮޅުވެފަ އެވެ. ނަމަވެސް، ޗެމްޕިއަން ލެވަކޫސަން އާ ވާދަކޮށް، ދެ ޓީމު ފުއްދާލަން ޖެހުނީ ޕޮއިންޓަކުންނެވެ.
ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 31 ވަނަ މިނެޓުގައި ރޮބާޓް އަންޑްރިޗް ވަނީ ލަނޑެއް ޖަހައި ލެވަކޫސަން އަށް ކުރިހޯދަދީފަ އެވެ. ނަމަވެސް، މެޗުގެ 39 ވަނަ މިނެޓުގައި އޭރިއާބޭރުން އަލެކްސަންޑަ ޕަވްލޮވިޗް ވަނީ ލަނޑެއް ޖަހައި ބަޔާނަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ބަޔާނަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ކޭން ނަގައިދިން ހުރަހަކުން، ސާޖް ގްނަބްރީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި އެނބުރި އައި ބޯޅަ ފޮނުވާލުމުންވެސް އަމާޒުވީ ގޯލުގެ ހުރަސް ދަނޑި އަށެވެ.
މެޗުގެ 88 ވަނަ މިނެޓުގައި ކޭން އަށް އަނިޔާވެގެން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. އޭނާ އަށް އަނިޔާވީ، ލެވަކޫސަންގެ އަމީން އަދްލީ ކުރި ޓެކަލް އަކުންނެވެ.
މި ނަތީޖާއާއެކު ބަޔާނުން ވަނީ އެއްވަނަ މަގާމު ދަމަހައްޓާފަ އެވެ. އެ ޓީމަށް 13 ޕޮއިންޓު ލިބިފައިވާއިރު، ލެވަކޫސަން އޮތީ 10 ޕޮއިންޓާއެކު ތިން ވަނައިގަ އެވެ.