އިނގިރޭސި ލީގު ކަޕުގައި އާސެނަލްގެ ޒުވާން ކުޅުންތެރިޔާ، ނޭތަން އެންވަނޭރީގެ ދެ ލަނޑާއެކު އާސެނަލް އިން ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުން ބޯލްޓަން ވެންޑަރާސް ބަލިކޮށްފި އެވެ.
އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 16 ވަނަ މިނެޓުގައި ޑެކްލަން ރައިސް ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ކުރިހޯދަދީފަ އެވެ. އަދި މެޗުގެ 37 ވަނަ މިނެޓުގައި ރަހީމް ސްޓާލިން ތަނަވަސްކޮށްދިން ފުރުސަތަކުން، އެންވަނޭރީ ވަނީ ލަނޑު ޖަހައި، އާސެނަލް އަށް ލީޑު ފުޅާކޮށްދީފަ އެވެ. މިއީ އުމުރުން 17 އަހަރުގެ ކުޅުންތެރިޔާ، އާސެނަލްގެ ސީނިއާ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.
ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ބޯލްޓަން ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އެންވަނޭރީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފަ އެވެ.
ބޯލްޓަން އަށް އުއްމީދެއް ލިބުނީ މެޗުގެ 53 ވަނަ މިނެޓުގައި އާރޮން ކޮލިންސް ޖެހި ލަނޑާއެކު އެވެ. ނަމަވެސް، އާސެނަލް އިން ވަނީ މެޗުގެ 64 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފަ އެވެ. އާސެނަލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ ސްޓާލިން އެވެ. އެއީ އާސެނަލް ޖާޒީގައި ސްޓާލިން ޖެހި ފުރަތަމަ ލަނޑެވެ.
މެޗުގެ 77 ވަނަ މިނެޓުގައި އާސެނަލްގެ ފަސްވަނަ ލަނޑު ކާމިޔާބުކުރީ ކައި ހަވާޓްޒް އެވެ. މިއާއެކު އާސެނަލް ވަނީ ގަދަ 16 ބުރަށް ދަތުރުކޮށްފަ އެވެ.
މި މެޗުގައި އާސެނަލްގެ ގޯލު ބެލެހެއްޓީ ޒުވާން ކީޕަރު، ޖެކް ޕޯޓާ އެވެ. މިއާއެކު، ޕޯޓާ ވެފައިވަނީ އާސެނަލް އަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އޭނާގެ އުމުރަކީ 16 އަހަރާއި 72 ދުވަހެވެ. މީގެކުރިން މި ރެކޯޑު އޮތީ ސެސް ފަބްރިގާސް އަތުގަ އެވެ. އޭނާ އެންމެ ފުރަތަމަ އާސެނަލް އަށް ކުޅުނީ 2003 ވަނަ އަހަރު އެވެ.
މުބާރާތުގެ ހަތަރުވަަނަ ބުރު، ނުވަތަ ގަދަ 16 ބުރުގައި އާސެނަލް ނިކުންނާނީ ޕްރެސްޓަން އާ ދެކޮޅަށެވެ.



