އެހެން ޒޯންތަކަށް ރަޖިސްޓްރީކުރުމަށް ފަހު މާލޭ ސަރަހައްދުގައި ދުއްވާ ވެހިކަލްތަކުގެ ރަޖިސްޓްރީ ބަދަލުކުރެވެން ދެން، ހުޅުމާލޭގައި ވަގުތީ ގޮތުން ޕާކުކުރަން ކަނޑައެޅި ޕާކިން ޖާގައަށް ނުގެންދާ އުޅަނދުތަކުގައި ސްޓިކާ ޖަހަން ފަށައިފި އެވެ.
ފުލުހުން ބުނީ އޭ ޒޯނު ފިޔަވައި އެހެން ޒޯނުތަކުގައި ރަޖިސްޓްރީކޮށް މާލޭ ސަރަހައްދުގައި ދުއްވަމުންދާ އުޅަނދުތައް ގާނޫނާއި ގަވައިދަށް ފެއްތުމަށް ފުރުސަތު ދީފައިވާ ކަމަށެވެ. މިގޮތުން، މިފަދަ އުޅަނދުތައް ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެމްއޭސީއެލް ފްލެޓުތައް ކައިރީ އޮންނަ ހުސް ބިމަށް ގެންދިއުމަށް އަންގާ، އެ އުޅަނދުތަކުގައި ސްޓިކަރ ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ހާމަކުރި އެވެ.
ފުލުހުން އިތުރަށް ބުނީ ސްޓިކަރ ހަރުކުރާ އުޅަނދުތައް ސްޓިކާގައި ބަޔާން ކުރާ ސުންގަޑީގެ ކުރިން ނެގުމަށް އުޅަނދުގެ ވެރިފަރާތަށް އަންގާފައިވާ ކަމަށެވެ. ގަވާއިދާއި ހިލާފަށް ހުރި އުޅަނދުތައް ބެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުގައި އުޅަނދުތައް ބެހެއްޓުމަށް ދެނީ 6 މަސް ދުވަހުގެ މުއްދަތެކެވެ. އެމުއްދަތުގެ ތެރޭގައި އުޅަނދުތައް ގަވާއިދުގެ ތެރެއިން ރަޖިސްޓްރީ ކުރަން ޖެހެ އެވެ.
މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އެ ބިމުގައި އުޅަނދުތައް ބެހެއްޓުމުގެ ފުރުސަތު ހުޅުވާލިއިރު، އެފަދަ އުޅަނދުތައް އެ ބިމުގައި ބަހައްޓަނީ އެއްވެސް އަގަކާއި ނުލަ އެވެ. ފުލުހުން އިންޒާރު ދިނީ ފުރަތަމަ 40 ދުވަހުގެ ތެރޭ އެތަނަށް ނުގެންދާ އުޅަނދުތައް ޓޯ ކުރާނެ ކަމަށެވެ.
ފުލުހުން ހާމަކުރި ގޮތުގައި ހަމައެކަނި ހުޅުމާލޭގައިވެސް ގަވާއިދާ ހިލާފަށް ރަޖިސްޓްރީނުކޮށް ނުވަތަ އެހެން ޒޯނެއްގައި ރަޖިސްޓްރީކޮށްފައިވާ 500 އަށް ވުރެ ގިނަ އުޅަނދު ޕާކްކޮށްފައި އޮތެވެ. އެހެން ނަމަވެސް ސަރުކާރުން ބިން ދެއްކި ނަމަވެސް އެކަމަށް އެކަށީގެންވާ އެއްބާރުލުމެއް ލިބެމުން ނުދާކަން ފުލުހުން ފާހަގަކުރި އެވެ.