ހއ. ހޯރަފުށީގައި ތެޔޮ ޓާމިނަލަކާއި ބިޒްނަސް ސެންޓަރެއް ގާއިމުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފި އެވެ.
ވަޖީހު މިހެން ވިދާޅުވީ ރޭ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ. މި އިންޓަވިއުގައި ވާހަކަދައްކަވަަމުން ވަޖީހު ވިދާޅުވީ ހޯރަފުށީގައި ބިޒްނަސް ސެންޓަރެއް އެމްޕީއެލް އިން ގާއިމުކުރާނެ ކަމަށެވެ. މިކަން ކުރުމަށްޓަކައި ހޯރަފުށީގެ ފަޅު ހިއްކާނެ ކަމަށް ވަޖީހު މައުލޫމާތުދެއްވި އެވެ.
”އެހެންވީމަ، ތަފާތު އެކި ވިޔަފާރިތައް އެތާނގައި އުފެދިގެންދާނެ. ކެފޭތަކާއި ރެސްޓޯރެންޓްތަކާއި އަދި އެހެނިހެންވެސް ކަންތައްތަކެއް ހިންގިގެންދާނެ“ ވަޖީހު ވިދާޅުވިއެވެ.
މީގެ އިތުރުން، ހޯރަފުށީގައި ބައިނަލްއަގްވާމީ ފެންވަރުގެ ކޮންޓެއިނާ ޓާމިނަލެއް ތަރައްގީކުރަންވެސް އެމްޕީއެލް އިން ނިންމާފައިވާ ކަމަށް ވަޖީހު މައުލޫމާތު ދެއްވި އެވެ. މިފަދަ ބޮޑެތި ބައިނަލްއަގްވާމީ ފެންވަރުގެ ހިދުމަތްތައް ތައާރަފްކުރާއިރު ހޯރަފުށި އެއާޕޯޓް ވާންޖެހޭނީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ކަމަށްވެސް ވަޖީހު ވިދާޅުވި އެވެ.
ހޯރަފުށި ފަޅު ހިއްކައިގެން ތެޔޮ ޓާމިނަލް ގާއިމުކުރާ އިރުގައި ބައެއް ކަހަލަ މެއިންޓެނެންސްތައް ބޭނުންވާނެ ކަމަށް ވަޖީހު ވިދާޅުވި އެވެ. އެހެންކަމުން، އިހަވަންދޫގައި ޑީޕްސީ ޓާމިނަލެއް ތަރައްގީކުރަން ޖެހޭ ކަމަށާއި، އެތަނުން ބޯޓުފަހަރަށް މެއިންޓަނެންސްގެ ހިދުމަތް ލިބިގެންދާނެ ކަމަށް ވަޖީހު ވިދާޅުވި އެވެ. އަދި އިހަވަންދޫގައި ވަރަށް އަވަހަށް ޑޮކްޔާޑެއް އަޅާނެ ކަމަށްވެސް ވަޖީހު މައުލޫމާތުދެއްވި އެވެ.
އުތުރުގައި ބަންކަރިންއާއި އެކު އެކިއެކި މެރިޓައިމް ހިދުމަތްތައް ތައާރަފްކުރުމުގެ ޕްލޭންތައް މި ސަރުކާރުގެ މެނިފެސްޓޯގައި އެކުލަވާލާފައިވާ ކަމަށާއި، މި މަހުގެ 19 ވަނަ ދުވަހު އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށުމަށް އެމްޕީއެލްއިން ތައްޔާރުވަމުންދާ ކަމަށް ވަޖީހު ވިދާޅުވި އެވެ.
މި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި އިގްތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ލިބި، ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ.
ހއ. ހޯރަފުށި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިިމް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)