ހުއްދަ ނެތް ފަންޑްތަކަށް އިންވެސްޓް ނުކުރަން ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސިއެމްޑީއޭ) އިން އެދިއްޖެ އެވެ.
ސީއެމްޑީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ރަޖިސްޓްރީ ނުކޮށް ދެވޭ ސެކިއުރިޓީޒް/އިންވެސްޓްމެންޓް ހިދުމަތްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެެވެ.
ސީއެމްޑީއޭ އިން ބުނީ އެކި ބާވަތްތަކުގެ ސެކިއުރިޓީޒް ނުވަތަ އިންވެސްޓްމަންޓް ޕްރޮޑަކްޓް ގަނެވިއްކުމުގެ ވިޔަފާރިކޮށް، އެވިޔަފާރިން މާލީ މަންފާއެއް ހޯދައިދިނުމުގެ ޚިދުމަތްތަކެއް ދެމުން އަންނަ ފަރާތްތަކެއް ހަރަކާތްތެރިވަމުން އަންނަކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ޤާނޫނުގެ ދަށުން، އިންވެސްޓްމަންޓް ފަންޑު ހިންގުމާއި އިންވެސްޓުކުރުމަށް ލަފާ ދިނުމުގެ ޚިދުމަތް އަދި ފަންޑު މެނޭޖްކޮށްދިނުމުގެ ޚިދުމަތް ދިނުމަކީ އެ އޮތޯރިޓީން ލައިސަންސް ނަގައިގެންކުރަންޖެހޭ ކަމަކަށްވާއިރު އިންވެސްޓްމަންޓް ފަންޑު ހިންގުމާއި، އިންވެސްޓުކުރުމަށް ލަފާ ދިނުމާއި ފަންޑު މެނޭޖްކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ލައިސަންސް ދޫކުރާ ފަރާތަކީ އެ އޮތޯރިޓީ ކަމަށް ވަނީ ބުނެފަ އެވެ.
ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ޢާންމުކޮށް ފުރުޞަތު ހުޅުވާލައިގެން ސޯޝަލް މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް ނުވަތަ އެނޫން ގޮތަކަށް ވެސް އިސްތިހާރުކޮށްގެން ފަންޑު ހޯދުމާއި އިންވެސްޓުކުރުމަށް ލަފާދިނުމާއި ލަފާދޭފަރާތެއް ގޮތަށް ދޭހަވާ ގޮތަށް އެއްވެސް ފަރާތަކުން އެ އޮތޯރިޓީގެ ލައިސަންސް ނުނަގާ ޚިހިދުމަތް ދިނުމަކީ، މި ޤާނޫނުގެ ދަށުން މަނާ ކަމެއް ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ބުންޏެވެ.
ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް އިންވެސްޓްކުރުމަށް ލިބޭ ހުށަހެޅުންތަކާއި ދައުވަތުތަކާމެދު ގޮތެއް ނިންމުމުގެ ކުރިން، އެ ހުށަހެޅުން ހުށަހަޅާފަރާތަކީ ރާއްޖޭގައި އިންވެސްޓްމަންޓު ފަންޑާއި ސްކީމްތައް ހިންގުމުގެ ހުއްދައޮތް ފަރާތެއްތޯއާއި ނުވަތަ އެފަދަ އިންވެސްޓްމަންޓު ފަންޑުތަކަކީ އެ އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ފަންޑެއްތޯ ބެލުމަށްފަހު ނޫނީ އެއްވެސް ފަރާތަކުން އިންވެސްޓުނުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އޮތޯރިޓީގައި ރަޖިސްޓްރީކޮށްދީފައިވާ ފަންޑުތަކުގެ މަޢުލޫމާތާއި، އިންވެސްޓުކުރުމަށް ލަފާދޭ ފަރާތްތަކުގެ މަޢުލޫމާތު، އެ އޮތޯރިޓީގެ ވެބްސައިޓުގައިވާ ލިންކް އިން ފެންނަން ހުންނާނެކަމަށް ސީއެމްޑީއޭ އިން ބުންޏެވެ. އަދި އެ އޮތޯރިޓީގެ ލައިސަންސް ނުނަގައި މިފަދަ ކަމެއް ހިންގާކަން އެނގޭނަމަ ވީހާ ވެސް އަވަހަކަށް އެ ސީއެމްޑީއޭގެ ސަމާލުކަމަށް ގެނެސްދިނުމަށް އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ހުށަހެޅުމަށް ވެސް ވަނީ އެދިފަ އެވެ.
