ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕުގެ ލ. ބއަތޮޅު މުބާރާތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އެފްއޭއެމް އިން ރާއްޖޭގެ ފުޓުބޯޅައިގެ އޮނިގަނޑު ބަދަލުކުރުމަށްފަހު، އަތޮޅު މުބާރާތްތައް ބާއްވަން ނިންމާފައިވަނީ މިއަހަރު އެވެ. އެގޮތުން، ދިވެހި ފުޓުބޯޅައިގެ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމުގެ ފުރުސަތު، ރާއްޖޭގެ ހުރިހައި ރަށަކަށްވެސް ވަނި ލިބިފަ އެވެ.
ލ.އަތޮޅު މުބާރާތް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތުގައި ވާދަކުރަނީ ޖުމްލަ ހަތަރު ޓީމެވެ. އެއީ މާބައިދޫ، ގަން، ފޮނަދޫ އަދި ކުނަހަންދޫ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމަ ހަވީރު މާބައިދޫ ނިކުންނާނީ ކުނަހަންދުއާ ދެކޮޅަށެވެ. މި މުބާރާތުގެ ފުރަތަމަ ބުރު ކުޅޭނީ ލީގު އުސޫލުންނެވެ. އެޔަށްފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެ އެވެ. ފައިނަލުގައި ކުޅޭ ދެ ޓީމުވެސް ސައުތު ރީޖަން ލީގަށް ކޮލިފައިވާނެ އެވެ.



