ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ގާޒީ ފާއިޒް މަގާމުން ވަކިކުރުމަށް ނިންމާ ޖޭއެސްސީން މަޖިލީހަށް ފޮނުވާފައިވާ ސިޓީ އިއްވާފަ އެވެ.
ގާޒީ ފާއިޒް މަގާމުން ވަކިކުރުމަށް ނިންމީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލި މައްސަލައިގައި ޖޭއެސްސީއަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހު އެވެ.
ޖޭއެސްސީން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އަލީ އަންވަރު މުހައްމަދުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޚިލާފަށް ގާޒީ ފާއިޒް އަމަލުކޮށްފައިވާ މައްސަލަ، ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ތުހުމަތުކޮށްފައިވާފަދަ އަމަލެއް ގާޒީ ފާއިޒް ކޮށްފައިވާ ކަމަށް ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށްވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން ގާޒީ ފާއިޒް މަގާމުން ވަކިކުރުމަށް ނިންމާ އެކަން މަޖިލީހަށް ހުށަހަޅާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
މި މައްސަލަ ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށެވެ.
ގާޒީ ފާއިޒް ވަކިކުރުމަށް ނިންމިއިރު އޭނާ މިހާރު ހުރީ މާގަމުން ސަސްޕެންޑް ކޮށްފަ އެވެެ.
