ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޕީއެންސީ އިން ކުރި އިއުލާނެއްގައިވާ ގޮތުން، މި ޕްރައިމަރީގައި ވާދަކުރުމަށް އެދި ހުށަހެޅުމުގެ ސުންގަޑި އަކީ މި މަހުގެ 15 ވަނަ ދުވަހުގެ 18:00 އެވެ. ޕްރައިމަރީގައި ވާދަ ކުރެވޭނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކޮންގްރެސް ޕާޓީގެ ދަފްތަރުގައި ހިމެނޭ މީހުންނަށާއި، ނުވަތަ އެ ޕާޓީގެ މެންބަރަކަށް ވުމަށް އެދި އީސީއަށް ހުށަހަޅާފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން، މި އިންތިހާބުތަކުގައި ވާދަކުރާ ފަރާތްތަކުގައި ގާނޫނާއި ގަވާއިދުގައި ފުރިހަމަވާންޖެހޭނެ ކަމަށް ބުނެފައިވާ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާން ޖެހޭނެ އެވެ.
ޕްރައިމަރީގައި ވޯޓު ލުމުގެ ހައްގު ލިބިގެންވަނީ ވެސް އީސީގެ ކޮންގްރެސް ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންނާއި، މި މަހުގެ 15 ވަނަ ދުވަހުގެ 18:00 ގެ ކުރިން ޕާޓީއަށް ވަނުމަށް އެދި އީސީއަށް ހުށަހަޅާފައިވާ ފަރާތްތަކަށެވެ. ޕީއެންސީގެ ޕްރައިމަރީ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގަ އެވެ.
ޕްރައިމަރީގެ މުހިންމު ބައެއް ތާރީޚުތައް:
-
ފޯމު ހުށަހެޅުން: ޑިސެމްބަރު 5 ން ޑިސެމްބަރު 15 ގެ ނިޔަލަށް
-
ޝަކުވާ ހުށަހެޅުން: ޑިސެމްބަރު 16 ން ޑިސެމްބަރު 18 ގެ ނިޔަލަށް
-
ފޯމު ބަލައިގަތުމަށްފަހު ފައިނަލް ލިސްޓު އިޢުލާންކުރުން: ޑިސެމްބަރު 25
ޕްރައިމަރީގައި ވޯޓުލުން އޮންނާނީ ހަމައެކަނި ސުންގަޑި ހަމަވާއިރު ގާނޫނުތަކުގައި އެ އިންތިހާބީ ދާއިރާއަކަށް އިންތިހާބު ކުރުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ކުރިމަތިލާފައިވާ މަގާމުތަކަށެވެ. އިންތިހާބު ކުރުމަށް ކަނޑައަޅާފައިވާ އަދަދަށް ޝައުގުވެރިކަން ފާޅުކޮށްފައިވާނަމަ، އެ ފަރާތްތަކަށް ޕާޓީގެ ޓިކެޓު ސީދާ ކަނޑައަޅާނެ އެވެ. އަދި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ކުރިމަތިލާފައިވަނީ ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުންނަމަ، އިތުރު ފުރުސަތަކަށް ވެސް އެ ޕާޓީ އިން ހުޅުވާލެވޭނެކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
ޕްރައިމަރީގައި ޕީއެންސީގެ ކޮންގްރެސް މެންބަރުންނަށް ވޯޓު ލެވޭނީ އެ މެންބަރަކު ރަށްވެހިވެފައިވާ ރަށެއްގައި ވޯޓުލުމަށް ޕާޓީގެ ފަރާތުން ހަމަޖައްސާފައިވާ ވޯޓު ފޮއްޓަށް އެކަންޏެވެ. އަދި ޕްރައިމަރީ ބޭއްވުމަށް ކަނޑައެޅޭ ދާއިރާތަކުގައި ވޯޓު ލުމުގެ ކަންކަން ޕާޓީގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް ވެސް ޕީއެންސީ އިން ވަނީ ހާމަކޮށްފަ އެވެ.
