އަތޮޅު ކައުންސިލަކީ ރާއްޖޭގެ ހާލަތުގައި ކޮންމެހެން އޮންނަށް ޖެހޭ ލޭޔަރެއް ނޫން ކަމަށާއި، އަތޮޅު ކައުންސިލްތައް އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފާސްކުރުމަކީ ވަރަށް މުހިންމު އިސްލާހެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަ ވަނީ އަތޮޅު ކައުންސިލްތައް އުވާލުމަށް، ޤާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ފާސްކޮށްފަ އެވެ. އެ އިސްލާހު ފާސްވެގެންދިޔައީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 87 މެންބަރުންގެ ތެރެއިން 75 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގަ ގާސިމް އިބްރާހިމް ވަނީ މި ބިލް ފާސްކުރުމަށް މަސައްކަތްކުރެއްވި ޕީއެންސީ ޕާލިމެންޓްރީ ގުރޫޕަށް ނުހަނު އިޚްލާޞްތެރިކަމާއެކު މަރުހަބާ ދަންނަވާފަ އެވެ.
ގާސިމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ހިންގުމުގައި 2011 ވަނަ އަހަރުން ފެށިގެން ކުރެވިފައިވާ ތަޖްރިބާއަށް ބަލާއިރު، އަތޮޅު ކައުންސިލަކީ ރާއްޖޭގެ ހާލަތުގައި ކޮންމެހެން ބޭނުންވާ ފަށަލައެއް ނޫންކަން ހާމަވެފައިވާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ރަށު ކައުންސިލްތަކުން ނިންމާ ނިންމުންތައް އަތޮޅު ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ އިދާރާތަކަށް ދަތުރުކުރުމުގެ ބަދަލުގައި، ސީދާ ރަށު ކައުންސިލުން ގުޅުންހުރި އިދާރާތަކަށް ހުށަހެޅިގެން ދިއުމަކީ ވަރަށް މުހިންމު ފަސޭހައެކެވެ.
ގާސިމް ވިދާޅުވި ގޮތުގައި މި ބަދަލުގެ ސަބަބުން ރަށު ކައުންސިލްތަކުން ދޭން ބޭނުންވާ ޚިދުމަތްތައް އަވަސްވެ، ދައުލަތުގެ ހަރަދު ކުޑަވެ، އިތުރު އެފިޝެންސީއެއް ލިބިގެންދާނެކަމެކެވެ. ޚާއްޞަކޮށް، 2023 ވަނަ އަހަރު މި ސަރުކާރުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އުފައްދާފައިވާތީއާއި، އެ ވުޒާރާއިން ޒިންމާދާރުކަމާއެކު ލޯކަލް ޤަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށާއި ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، ރަށު ކައުންސިލްތަކުގެ ނުވަތަ ސިޓީ ކައުންސިލްތަކުގެ ނިންމުންތަކުގައި އަތޮޅު ކައުންސިލުގެ ދައުރެއް ޖުމުލަ ގޮތެއްގައި އޮތްކަމަކަށް ދެންނެވޭކަށް ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޤައުމުގެ ހިންގުން ހަރުދަނާކޮށް، އެފިޝެންސީ އިތުރުކޮށް، ޚަރަދު ކުޑަކޮށް ޤައުމު ކުރިއަށް ގެންދިއުމަށް އަޅުއްވާ މިފަދަ ކޮންމެ ފިޔަވަޅަކަށް އޭނާއާއި ޖުމްހޫރީ ޕާޓީގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އިޞްލާޙް ވީހާވެސް އަވަހަކަށް ތަސްދީޤުކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، މި ނިޒާމު ހަރުދަނާކުރެއްވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޝުކުރު ދަންނަވާ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
