އައްޑޫ ސިޓީގެ ތަރައްގީއަށް އަމާޒުކޮށް، ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާގެ ނިޒާމު، ކުޅިވަރުގެ ވަސީލަތްތައް ފަތުރުވެރިކަން އަދި ތައުލީމީ ދާއިރާ ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މަޝްރޫއުތަކެއްގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި މަޝްރޫތަކުގެ އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިންނެވެ.
އައްޑޫ ސިޓީގެ ފޭދޫގެ ހިއްކާފައިވާ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ އެމްޑީ އަބްދުލް މަތީން މުހައްމަދެވެ.
އައްޑޫގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ޖުމްލަ 200 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. މިގޮތުން، ފޭދޫގައި 50 ހައުސިން ޔުނިޓް، މަރަދޫގައި 50 ހައުސިން ޔުނިޓް އަދި ހިތަދޫގައި 100 ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެމްޑީ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހެއިރެވެ.
މީގެ އިތުރުން، ފޭދޫގައި އިސްރައްވެހިންގެ ހިޔާ ގާއިމު ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އިސްމާއިލާއި ލިޓަސް ކޮމްޕެނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާއު އެވެ.
ސިއްހީ ދާއިރާއިން މަރަދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އާއި އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީ އެވެ.
އައްޑޫގެ ކުޅިވަރުގެ ވަސީލަތްތައް އިތުރު ކުރުމަށްޓަކައި ގިނަ މަޝްރޫއުތަކެއް ވަނީ ފަށާފަ އެވެ. ފޭދޫގައި ނެޓްބޯލް ކޯޓް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްރައްޒާގް އިބްރާހިމާއި އާރްޑީސީގެ އެމްޑީ އިބްރާހިމް ނަޒީމެވެ. ފޭދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމު ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަބްދުލްރައްޒާގް އިބްރާހިމާއި އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދެވެ. މީގެ އިތުރުން މަރަދޫފޭދޫގައި ފަތާ ޓްރެކްއެއް ގާއިމު ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަބްދުލްރައްޒާގް އިބްރާހިމާއި އެމްޓީސީސީގެ އެމްޑީ ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ އެވެ.
ތައުލީމީ ދާއިރާއިން، މަރަދޫފޭދޫގައި އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަސް އަދި ދަނާލް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އައިޔޫއެމްގެ ވައިސް ޗާންސެލާ ޑރ. އަލީ ޒާހިރެވެ. އަދި ޝަރަފުއްދީން ސްކޫލާއި މަރަދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލް ބިނާ ކުރުމުގެ މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ސައީދު މުހައްމަދާއި އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީ އެވެ.
މީގެ އިތުރުން، މަރަދޫގައި ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީނާއި އެމްލޮގް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓާ ހައިޝަމް އަލީ އެވެ. އަދި ހިތަދޫގައި ސެންޓްރަލް ޕާކެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައިވެސް ސޮއިކޮށްފައިވެ އެވެ. އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު މުއްތަލިބާއި އެޗްޑީސީގެ އެމްޑީ އަލީ ޒުހައިރެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ސޮއި ކުރެވުނީ އައްޑޫ ސިޓީ އައްސޭރި ޓޫރިޒަމްގެ ތެރެއިން 1،000 އެނދުގެ މަޝްރޫގެ އެއްބަސްވުމުގަ އެވެ. މި 1،000 އެނދަކީ ޖުމުލަ 600 ރޫމަށް ބަހާލައިގެން ހިމެނޭ އަދަދުކަމަށް ސަރުކާރުން ބުނެ އެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ރަޝީދު އާއި އެމްޓީޑީސީގެ އެމްޑީ އަހުމަދު ނިޔާޒް އެވެ.
އައްޑޫ ސިޓީ ވަގުފް އިމާރާތް ގާއިމު ކުރުމުގެ މަޝްރޫގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ސާސޭ ކުންފުނީގެ ފަރާތުން އިބްރާހިމް ފަސީހު އެވެ. އަދި އައްޑޫ ސިޓީގައި ބިނާ ކުރާ ޔޫތް ތާޑް ސްޕޭސް ތަރައްގީ ކުރުމުގެ މަޝްރޫގެ އެއްބަސްވުމުގައިވެސް ސޮއިކޮށްފައިވެ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދް (އަސްވާޑް) އަދި ސެންޓާ ލޭންޑްގެ ޕްރޮޖެކްޓްސް މެނޭޖަރު ހުސައިން އަބްދުއްރަހްމާން އެވެ.
