ޝަންގްރިލާ ހުޅުވުމަށް ވަމުންދާ ތައްޔާރީތައް ރައީސް މުއިއްޒު ބައްލަވާލައްވައިފި

Advertisement

އެންމެ ފަސް

Advertisement

ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އަލުން ހުޅުވުމަށް ވަމުންދާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފި އެވެ.

ރައީސް މުއިއްޒު މި މަސައްކަތްތައް ބައްލަވާލެއްވީ އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް ވަޑައިގެންނެވުމަށް ފަހު އެވެ.

ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް ރައީސް ވަޑައިގެންނެވުމުން އެ ރިސޯޓު އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތުގެ ތަފްޞީލް އެ ރިސޯޓްގެ ފަރާތުން އެމަނިކުފާނާ ހިއްސާކުރެއްވި އެވެ. ރިސޯޓްގެ އޯނަރުންނާއި މެނޭޖްމަންޓުން މަސައްކަތް ކުރަމުންދަނީ މިއަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު އަލުން ހުޅުވުމަށެވެ.

ރައީސް މުއިއްޒު މިއަދު އެ ރިސޯޓަށް ވަޑައިގަތުމާ ގުޅިގެން، ކުންފުނީގެ މެނޭޖްމަންޓްގެ ފަރާތުން ވަނީ ރިސޯޓް ހުޅުވުމުގެ ކުރިން ކުރަމުން އަންނަ މަސައްކަތުގެ ތަފްޞީލް ޕްރެޒެންޓޭޝަނެއް އެމަނިކުފާނާއި ހިއްސާކުރައްވާފަ އެވެ. މި ޕްރެޒެންޓޭޝަންގައި، ރިސޯޓް އަލުން ހުޅުވުމަށްޓަކައި ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު ވަނީ ދެއްވާފައެވެ.

މެނޭޖްމަންޓުން ހާމަކުރެއްވި ގޮތުގައި، މިހާރު މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ރިސޯޓްގެ ވޯޓަރ ވިލާތަކާއި، ރެސްޓޯރަންޓްތަކާއި އަދި ޑެކިން ރަނގަޅުކުރުމުގެ މަސައްކަތްތަކެވެ. މީގެ އިތުރުން، ރިސޯޓް ބަންދުކޮށްފައިވީ ނަމަވެސް، ތަނުގެ މަރާމާތުކޮށް ރަނގަޅަށް ބަލަހައްޓަމުން ގެންދާކަންވެސް މެނޭޖްމަންޓުން ވަނީ ރައީސަށް ފާހަގަކޮށްދެއްވާފަ އެވެ.

ޕްރެޒެންޓޭޝަނަށް ފަހު، ރިސޯޓްގެ ފަރާތުން ވަނީ ރައީސް މުއިއްޒަށް، ރިސޯޓް ހުޅުވުމަށް ވަމުންދާ ތައްޔާރީތައް ދައްކާލެއްވުމަށް ހާއްސަ ޓުއާއެއް ދެއްވާފަ އެވެ. މި ޓުއާގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ އިސްވެރިންނާއި، ސަރުކާރުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ތަމްސީލުކުރައްވާ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޝަންގްރިއްލާ ވިލިނގިލި ރިސޯޓަކީ ލަގްޒަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. 284 އެނދު ހިމެނޭ މި ރިސޯޓް އައްޑޫ ސިޓީގައި ހުޅުވުނީ 2009 ވަނަ އަހަރުއެވެ. ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރުގެ މާރިޗް މަހު މި ރިސޯޓް ވަނީ ބަންދުކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީ ޝަންގްރި-ލާ ރިސޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ