އިސްތަށިގަނޑުގައި ކަޅުކުލަ ޖެއްސުމަކީ ހުއްދަ ކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުން ބުނެފި އެވެ.
އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުން ނެރެފައިވާ ފަތުވާގައި ބުނެފައިވަނީ، މި މައްސަލައިގައި މައިގަނޑު ދެ ރައުޔެއް ފާހަގަވާ ކަމަށެވެ. އެއީ ހަރާމްކަމަށް ވިދާޅުވީ އިލްމުވެރިންގެ ރައުޔާއި ހުއްދަކަމަށް ވިދާޅުވާ އިލްމުވެރިންގެ ރައުޔު ކަމަށެވެ.
”މި ދެ ރައުޔުވެސް ބިނާވެފައިވަނީ ދަލީލުތަކުގެ މައްޗަށެވެ. މި މައްސަލަ ދިރާސާ ކުރައްވައި އިލްމުވެރިން ނެރުއްވައިފައިވާ ޙުކުމްތައް ގުޅިފައިވަނީ އެބޭކަލުންގެ އިޖުތިޖާދަށެވެ.“ ފަތުވާގައި ބުނެފައިވެ އެވެ.
މިއީ އިޖުތިހާދުގެ މައްސަލައަކަށްވާތީ، އެ ދެ ރައުޔަކީވެސް އިލްމުވެރިން ޤަބޫލުކުރައްވާފައިވާ ދެ ރައުޔު ކަމަށް ފަތުވާ މަޖިލީހުން ބުނެފައިވެ އެވެ.
އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުން ބުނެފައިވަނީ، މިކަމުގައި ހުއްދަކަމަށް ވިދާޅުވާ އިލްމުވެރިންގެ ދަލީލުތައް ބާރުގަދަ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އިސްތަށީގައި ކަޅުކުލަޖެއްސުން ހުއްދަކަމަށް ފަތުވާ މަޖިލީހުން ބުނެފައިވެ އެވެ.