އަމިއްލަ ފަރާތްތަކުން ހިންގާ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ފެންވަރު ކަށަވަރު ކުރައްވާނެ ކަމުގައި މަތީ ތައުލީމާއި ބެހޭ މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ގުޅިގެން ރޭ ބޭއްވި ”އަހާ ފޯރަމް“ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ރާއްޖޭގައި މަތީ ތައުލީމުދޭ އެންމެހާ މަރުކަޒުތަކުގެ ކިޔަވައިދިނުމުގެ ފެންވަރު ބެއްލެވުމަކީ މިނިސްޓްރީގެ އެންމެ އިސް އަމާޒެއްކަމުގައި ފާހަގަކުރެއްވި އެވެ. އަދި މި މަރުކަޒުތަކުން ފޯރުކޮށްދޭ ތައުލީމަކީ ސަރުކާރުން ކަނޑައަޅުއްވާފައިވާ ކޮލިފިކޭޝަން ފްރޭމްވޯކާ އެއްގޮތަށް ދެވޭ ތައުލީމެއްކަން ކަށަވަރުކުރެއްވުމަކީވެސް މިނިސްޓްރީގެ އަމާޒެއްކަމުގައި ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ކޯހެއް ފެށުމުގެ ކުރިންނާއި ނިމުމަށްފަހުގައިވެސް، އެ ކޯހެއްގެ ފެންވަރު ބެލެހެއްޓުމުގެ މަސައްކަތް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކުރައްވަމުން ގެންދާނެ އެވެ. ނަމަވެސް މި މަސައްކަތުގައި ދިމާވާ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި، އެ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރައްވަމުންދާކަން މިނިސްޓަރު ހާމަކުރެއްވި އެވެ.
މީގެއިތުރުން، ރާއްޖޭގެ އަމިއްލަ ކޮލެޖުތަކާއި މަތީ ތައުލީމުދޭ މަރުކަޒުތަކުން ފޯރުކޮށްދޭ ތައުލީމަކީ ރައްޔިތުން އިތުބާރުކުރާ، އަދި ބަލައިގަންނަ ފެންވަރަކަށް ފެތޭ ތައުލީމަކަށް ހެއްދެވުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.