އައިލެންޑް ބޭވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އައިބީއެމް) އަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަދެފިނަމަ، ކުރީގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ ގިނަ ޢަމަލުތައް ފާހަގަކުރެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖިނާން ޖަލީލް ވިދާޅުވެއްޖެ އެވެ.
މެންދުރު ޓީވީގެ ޕްރޮގްރާމެއްގައި ކުންފުނީގެ ހާލަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމްޑީ ޖިނާން ވިދާޅުވީ، އައިބީއެމްވެސް މިހާރު އޮތީ ކުރީގެ ސަރުކާރުގެ ސަބަބުން ފެނަކަ ކޯޕަރޭޝަން ފަދަ އެހެން ކުންފުނިތަކާ އެއްފަދަ ހާލަތެއްގައި ކަމަށެވެ.
”އޭސީސީން މާދަމާ ވަނަސް ތަޙްޤީޤުކުރެވޭނެ އަދި މައްސަލަ ހުށަހެޅިއަސް ބެލޭނެ ކަންކަން އެބަހުރި ކުންފުނީގެ ތެރޭގައި ހިންގާފައި. ވަކި ކަމެއް ދަންނަވާކަށް ނެތިން. ވަރަށް ޤާބިލު މުވައްޒަފުން ތިބީ. އެހެންވީމަ އެ މުވައްޒަފުންނާ އެކުގައި ކުންފުނި ފައިދާގައި ހިންގުމަށް މަސައްކަތްކުރަމުން މިދަނީ،“ ޖިނާން ވިދާޅުވި އެވެ.
އެމްޑީ ޖިނާން އިތުރަށް ވިދާޅުވީ، މިހާރު އެ ކަންތައްތަކުން އަރައިގަތުމަށް ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އައިލެންޑް ބޭވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ގެ ޖޮއިންޓް ވެންޗަރއެކެވެ. މި ކުންފުނީގެ މައިގަނޑު މަސައްކަތަކީ ފެނާއި އެހެނިހެން ބުއިންތައް އުފެއްދުމެވެ.
