މޭޖާ ލީގް ސޮކާ ގައި ރޭ ލިއޮނެލް މެސީގެ ހެޓްރިކާއެކު އިންޓަ މިއާމީ އިން 6-2 ގެ ނަތީޖާއަކުން ނިއު އިންގްލެންޑް ރިވޮލިޔުޝަން ބަލިކޮށް، ލީގުގައި އެންމެ ގިނަ ޕޮއިންޓު ހޯދި ޓީމުގެ ރެކޯޑު ހަދައިފި އެވެ.
34 މެޗު ކުޅޭ މި ލީގުގެ ފަހު މެޗުން މޮޅުވެ، އިންޓަ މިއާމީ އިންވަނީ ޖުމްލަ 74 ޕޮއިންޓު ހޯދާފަ އެވެ. އެއީ ލީގުގެ ތާރީހުގައި ޓީމަކުން ހޯދި އެންމެ ގިނަ ޕޮއިންޓެވެ. މީގެކުރިން މި ރެކޯޑު ހަދާފައިވަނީ ރިވޮލިޔުޝަން އިންނެވެ. 2021 ވަނަ އަހަރު އެ ޓީމުން ވަނީ 73 ޕޮއިންޓު ހޯދާފަ އެވެ.
ރޭގެ މެޗަށް ނިކުތްއިރުވެސް މިއާމީ އިންވަނީ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ. ރިވޮލިޔުޝަން އިންވަނީ ދެ ލަނޑު ޖަހައި، މެޗުގައި ލީޑު ނަގާފަ އެވެ. އެ ޓީމުގެ ދެ ލަނޑު ކާމިޔާބުކުރީ ލުކާ ލަންގޮނީ އާއި ޑައިލަން ބޮރޭރޯ އެވެ. ނަމަވެސް، ހާފު ނިމެން ގާތް ވެފައިވަނިކޮށް، ލުއިސް ސުއަރޭޒް ޖެހި ދެ ލަނޑާއެކު މިއާމީ އިންވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
ދެވަނަ ހާފު ފެށިގެން، މެސީ ކުޅެން ނިކުމެފައިވަނީ މެޗުގެ 57 ވަނަ މިނެޓުގަ އެވެ. އޭގެ މިނެޓެއް ފަހުން ބެންޖަމިން ކްރެމާސްކީ ވަނީ ލަނޑެއް ޖަހައި، ފުރަތަމަ ފަހަރަށް މިއާމީ އަށް ކުރިހޯދަދީފަ އެވެ.
މެސީ އޭނާގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ 78 ވަނަ މިނެޓުގައި ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޖޯޑި އަލްބާ ދިން ބޯޅައަކުން، އޭނާ ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ. މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް މެސީ ހެޓްރިކް ހެދީ ސުއަރޭޒް ނަގައިދިން ހުރަހަކުންނެވެ. އެއީ މި ސީޒަނުގައި މެސީ ޖެހި 20 ވަނަ ލަނޑެވެ.
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑް ކަޕަށް އެންމެ ފަހުން އިތުރުކުރި ޓީމަކީ މިއާމީ އެވެ.