ފަލަސްތީނުގެ އަޑު މުޅި ދުނިޔެއަށް އިއްވުމުގައި މަންސޫރު އަވަދިނެތި، އުންމީދަކީ އެނބުރި ޣައްޒާ އަށް ދިއުން!

Advertisement

Advertisement

އެންމެ ފަސް

Advertisement

15 އޮގަސްޓް 2025 ވަަނަ ދުވަހު، ފަލަސްތީނުގެ ޙައްޤުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޑުއުފުލާފައިވެ އެވެ. މީގެތެރެިއން މާލޭގައި ބޭއްވި އެއްވުމުގައި ގިނަ ބައެއްގެ ސަމާލުކަން ލިބުނު ޝަޚްޞިއްޔަތަކީ ފަލަސްތީނުގެ މަންސޫރު ޝޫމަން އެވެ. މަންސޫރު ޝޫމަންއަކީ ކެނެޑާގެ ރައްވެހިކަން ލިބިފައިވާ، ފަލަސްތީނަށް ނިސްބަތްވާ 40 އަހަރުގެ މީހެކެވެ.

އިންޖިނިއަރިން ދާއިރާއިން ޑިގްރީ ހާސިލުކޮށް ވިޔަފާރި ހިންގުމުގެ ދާއިރާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކޮށްފައިވާ މަންސޫރު މުޅި ދުނިޔެއަށް އެނގެނީ، އިޒްރޭލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގަމުންދާ ޖަރީމާތައް ބައިނަލްއަޤްވާމީ ޓީވީތަކުގައާއި ސޯޝަލްމީޑިއާގައި ހިއްސާކުރާ މީހެއްގެ ގޮތުގަ އެވެ. ހަނގުރާމައިގެ ފަސްގަނޑުން ވަގުތުން މުޅީ ދުނިޔެއަށް ޔަހޫދީންގެ ލާއިންސާނީ އަމަލުތަކާއި، ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތި އުނދަގޫ ހާލަތު އޭނާ ވަނީ ކިޔައިދީފަ އެވެ.

މަންސޫރު ފަލަސްތީނުގެ ޖެރުސަލަމަށް 2009 ވަނަ އަހަރު ދިޔައީ އީދު ދުވަސްކޮޅުގައި އޭނާގެ އާއިލާ އާ ބައްދަލު ކުރާށެވެ. އެއީ އޭނާ އަށް އެތަނަށް ދެވުނު އެންމެ ފަހު ފަހަރެވެ. އެ ފަހަރު ފަލަސްތީނުން ބޭރުވާން އުޅުމުގެ ތެރޭގައި އިޒްރޭލުން މަންސޫރު ހައްޔަރުކޮށް، އޭނާގެ މައްޗަށް ޓެރަރިޒަމް ގެ ދޮގު ދައުވާތަކެއްކޮށް، ފަލަސްތީނުގެ ރައްޔިތުކަމުގެ ލިޔުންތައް އަތުލި އެވެ. ނަމަވެސް ފަލަސްތީނުގެ ބިމަށް އޮތް ލޯތްބެއްގެ ބޮޑުކަމުން އޭނާވަނީ އެނބުރި އާއިލާއާއެކު 2022 ވަނަ އަހަރު ފަލަސްތީނަށް ގޮސްފަ އެވެ. މަންސޫރު ”ޖަވިޔަނި“އާ ވާހަކަ ދައްކަމުން ބުނެފައިވަނީ، އެ ނިންމުމަކީ އޭނާ އަށް ނިންމުނު އެންމެ ރަނގަޅު އެއް ނިންމުން ކަމަށެވެ. އަދި އިޒްރޭލުން މިހާރު ޣައްޒާއަށް ދެމުންދާ ހަމަލާތައް ފަށާފައިވަނީ އާއިލާއާއެކު ޣައްޒާގައި ދިރިއުޅެމުންދަނިކޮށް ކަމަށެވެ.

”ޞުބުހާނަﷲ، ފަލަސްތީނުގެ އެތަށް މިލިއަން ރައްޔިތުންތަކެއްފަދައިން އަހަރެންވެސް ރެފިއުޖީއަކަށްވި. އަހަރެންގެ އަބަދުވެސް އަހަރެންގެ އަމާޒަކީ އެ މާތް ބިމަށް ދިއުން.“ މަންސޫރު ބުންޏެވެ.

މަންސޫރު ޝޫމަން ޖަވިޔަނިއަށް އިންޓަވިއު ދެނީ / ފޮޓޯ: ޖަވިޔަނި

ހަނގުރާމައިގެ ދަތި ހާލުގައި އޭނާގެ އާއިލާ ގޮވައިގެން ޣައްޒާގައި ދިރިއުޅެމުންދަނިކޮށް، ހަނގުރާމަ މެދު ކަނޑާލަން ނިންމި ވަގުތެއްގައި މަންސޫރު ވަނީ އޭނާގެ އާއިލާ ޔޫއޭއީއަށް ފޮނުވާލާފަ އެވެ. ނަމަވެސް ޔަހޫދީން ދުނިޔެއަށް ހަދަމުންދިޔަ ”ދޮގުތައް“ ކިޔައިދީ، ފަލަސްތީނުގެ ރައްޔިތުންނަށް ޖައްސާފައިވާ ނިކަމެތި ހާލާއި، އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ދުނިޔެއަށް ކިޔައިދޭން ބޭނުންވުމުން، އޭނާ ޣައްޒާގައި މަޑުކުރިކަމަށް މަންސޫރު ”ޖަވިޔަނި“އަށް ކިޔައިދިނެވެ.

ފަލަސްތީނުގެ ”އަޑު“ ދުނިޔެއަށް އިއްވުމުގައި ވަރުބަލިކަމެއްނެތި!

ޔަހޫދީންނަށް ވާގިވެރިވާ ބޭރުގެ އެކި ފަރާތްތަކުން، ހަގީގަތް އޮޅުވާލުމަށް ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެނީ ފަލަސްތީނުގައި ހަރަކާތްތެރިވާ ހިތްވަރުގަދަ ނޫސްވެރިންނެވެ. އިޒްރޭލުގެ އަމާޒުފަތްގަނޑަކަށް އެ ނޫސްވެރިން ވެފައިވީނަމަވެސް، އެމީހުންނަށް ފަރުވާލެއް ނެތެވެ. ދުނިޔެއަށް ހަގީގަތް ހާމަކުރުމުގައި ހިތްވަރާއެކު މަސައްކަތް ކުރި ނޫސްވެރިންގެ ތެރޭގައި މަންސޫރު ފާހަގަކޮށްލެވެ އެވެ. އެގޮތުން ފަލަސްތީނުގެ ވާހަކަ ބައިނަލްއަޤްވާމީ މީޑިއާގައި އަދި އޭނާގެ ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތަކުގައި މަންސޫރު ދިޔައީ ހިއްސާ ކުރަމުންނެވެ.

”ޖަވިޔަނި“އާ ވާހަކަ ދައްކަމުން މަންސޫރު ބުނީ، އޭނާ ހަ މަސް ވަންދެން ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލް ކައިރީގައި، އެތަނުގެ ހާލަތު ރިޕޯޓުކުރި އެވެ. އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވަމުންދިޔަ މީހުންނާއި، ޒަހަމްވެގެން އަންނަ މީހުންގެ ވާހަކަތައް ކިޔައިދެމުންދިޔަ އެވެ. އިޒްރޭލު ސިފައިން ޣައްޒާގެ ރައްޔިތުންނަށް ބިރުދެއްކެވުމުގެ ގޮތުން ހިންގަމުންދިޔަ އަމަލުތަކުގެ ތެރެއިން ކަމެއް ހިއްސާކުރަމުން އޭނާ ބުނީ، އެ ސަރަހައްދުގައި ވަގުތީ ޓެންޓުތަކެއް ޖެހުމުގެ މަސައްކަތުގައި އުޅެނިކޮށް، އިޒްރާއީލުގެ އަސްކަރީ ޓޭންކަރުތަކުން އެ ސަރަހައްދު ވަށާލި ކަމަށެވެ. އެއާއެކު ދެ ހަފްތާވަންދެން އެއްވެސް އިލެކްޓްރޮނިކް ވަސީލަތެއް ބޭނުން ނުކޮށް، ފިލައިގެން އެކި ގޮތްގޮތަށް އުޅުމަށް ޖެހުނު ކަމަށެވެ. އެދުވަހުގެ ވާހަކަތައް އޭނާ ’ޖަވިޔަނި’އާ ހިއްސާކުރީ ނުހަނު އަސަރާއެކު އެވެ.

”ޣައްޒާގައި ނޫސްވެރިންގެ ގޮތުގައި އުޅޭ މީހުނަށް އެނގޭނެ އެކަމުގެ މާނައަކީ ކޮބައިކަމާ، ތިމާގެ ކުރިމަގަކީ ކޮބާކަން. ޖެހޭނީ އެކަން ގަބޫލުކުރަން. އިޒްރޭލުން ހަމަލާއެއް އަމާޒުކޮށް މަރާލަފާނެކަން ގަބޫލުކުރަން ޖެހޭނެ.“ ނޫސްވެރިންނަށް އޮތް ނުރައްކާ ކިޔާދެމުން މަންސޫރު ބުންޏެވެ.

މަންސޫރު ޝޫމަން ޖަވިޔަނިއަށް އިންޓަވިއު ދެނީ / ފޮޓޯ: ޖަވިޔަނި

ޣައްޒާގެ ވާހަކަ ކިޔައިދޭ އިންސާނީ އެހީތެރިއެއް!

ފަލަސްތީނު ގެ އަޑު މުޅި ދުނިޔެއަށް އިއްވައިދުމުގެ އިތުރުން މަންސޫރަކީ އިންސާނީ އެހީތެރިކަން ވެސް ފޯރުކޮށްދިނުމުގައި ފާހަގަކޮށްލެވޭ މީހެކެވެ. ނަސްލެއް ނައްތާލުމަށް އިޒްރޭލުން ފަލަސްތީނަށް ލާއިންސާނީ ހަމަލާތައް ދޭންފެށިތާ ކުރީކޮޅު އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ޓީމެއް އެކުލަވާލިއެވެ. މަންސޫރު މިއަދުވެސް ދެމިއެހެރީ ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގަ އެވެ.

މަންސޫރު ”ޖަވިޔަނި“އަށް ކިޔައިދިން ގޮތުގައި އިންސާނީ އެހީތެރިކަމުގެ 500 އަށް ވުރެ ގިނަ ޕްރޮޖެކްޓް އޭނާ ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ. އެގޮތުން ހޮޓް މީލްސް ޕްރޮގްރާމްތަކާއި، ރެފިއުޖީ ކޭމްޕްތަކަށް ސާފު ފެން ފޯރުކޮށްދެ އެވެ. ތިން އެޑިޔުކޭޝަން ފެސިލިޓީ އާއި މެޑިކަލް ޗެކްޕޮއިންޓް އަދިހޮސްޕިޓަލްގެ ހަރަދުތައް ވެސް އަންނަނީ ބަލަހައްޓަމުންނެވެ

”މީހުން ހަދިޔާ ކުރާ ތަކެތި ރައްކާތެރިކަމާއެކު އަންހެނުންނަށާއި ކުދިންނަށް ދެވުމަކީ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމެއް. އެ މީހުން އެ ތަކެތި ހަދިޔާ ކުރާ މީހުންނަށް ނުހަނު ޝުކުރުވެރިވޭ. މިހާރުވެސް އިންސާނީ އެހީތެރިކަމުގެ މަސައްކަތްތަކެއް ޣައްޒާގައި އަންނަނީ ކުރަމުން.“ މަންސޫރު ބުންޏެވެ.

ފަލަސްތީނުން 2024 ވަނަ އަހަރު ބޭރު ވުމަށް ފަހު ވެސް މަންސޫރު މި ކުރާ މަސައްކަތަކީ މިއެވެ. ފަލަސްތީނުގެ އަނިޔާ ލިބެމުންދާ ކުށެއް ނެތް މައުސޫމު އެތަށް ބައެއްގެ އާދޭސް މުޅި ދުނިޔެއަށް އިއްވައިދިނުމެވެ. ކުރުގޮތަކަށް ބުނަނީނަމަ މިހާރު އޭނާ އަކީ ފަލަސްތީނު އަޑެވެ.

ގައްޒާ ހަނގުރާމަ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ