ފަލަސްތީނުގެ ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރާ ބޯޓުތަކުގެ ތެރެއިން މައި ބޯޓަށް ބޮމުގެ ހަމަލާއެއް ދީފި އެވެ.
ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރަމުންދާ ފްލީޓުގައި 50 އަށްވުރެ ގިނަ ބޯޓު ހިމެނެ އެވެ. ބޯޓަށް ބޮމުގެ ހަމަލާއެއް ދީފައިވަނީ ޓިއުނޭޝިއާ ކަނޑުގެ ސަރަހައްދުގެ ތެރެއިންނެވެ.
ބޯޓުގައި ހަރަކާތްތެރިވާ އެކްޓިވިސްޓުންނާ ހަވާލާދީ ބޭރުމީޑިއާތަކުން ބުނެފައިވަނީ ބޯޓަށް ބޮމުގެ ހަމަލާ ދިނުމުގެ ކުރިން މަތީގައި ޑްރޯންއެއް އުދުހިފައިވާ ކަމަށެވެ. އަދި ޑްރޯންއިން އެ ބޮން ބޯޓަށް ވައްޓާލުމުގެ ސަބަބުން ބޮން ގޮވާ، އަލިފާން ރޯވި ކަމަށާއި ނަމަވެސް އެ އަލިފާން ނިއްވާލާފައިވާ ކަމަށެވެ. އަދި މި ހަމަލާގެ ސަަބަބުން ބޯޓަށް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށެވެ.
އެހީ ހިފައިގެންދިޔަ ބޯޓަށް ބޮމުގެ ހަމަލާދިންއިރު އެ ބޯޓުގައި 6 މީހުން ތިބި ކަމަށާއި ހަމަލާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއްވެފައިނުވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
މި ހަމަލާއާ ގުޅިގެން ޓިއުނޭޝިއާގެ ކޯސްޓްގާޑުން ބުނެފައިވަނީ ޑްރޯންގެ ވާހަކައަކީ ދޮގެއް ކަމަށާއި، ބޯޓުގައި ރޯވީ ބޯޓުގައި ހުރި މީހަކު އެއްލާލި ސިނގިރޭޓެއް ލައިފްޖެކެޓްގައި ރޯވުމުން ކަމަށެވެ. ނަމަވެސް ވޯޑިއޯތަކުން ފެންނަ ގޮތުން، ބޯޓުގައި ރޯވަނީ މަތިން ވައްޓާލާ ބޮމުގެ ސަބަބުންނެވެ.
ޣައްޒާއަށް އެހީ ހިފައިގެން ބޯޓުތައް ދަތުރުފެށީ ސްޕެއިންއިން އޮގަސްޓް 31 ވަނަ ދުވަހު އެވެ. މި ބޯޓުތައް ޓިއުނޭޝިއާ ކަނޑުގެ ސަރަހައްދުގައި މިހާރު އޮތްއިރު، މި ބޯޓުތަކަށް ޓިއުނޭޝިއާގެ ބޯޓުތައްވެސް ގުޅޭކަމަށް ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އަދި ކުރިއަށް އޮތް 8 ވަރަކަށް ދުވަސްތެރޭގައި މި ބޯޓުތައް ޣައްޒާގެ ސަރަހައްދަށް ދެވޭނެ ކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ.
އިޒްރޭލުން ޣައްޒާއަށް ހުއްޓުމެއްނެތި ހަމަލާތައް ދެމުންދާއިރު ކާބޯތަކެއްޗާއި އިންސާނީ އެހީ ވެއްދުމުގައި ވަނީ ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިކޮށްފަ އެވެ. އެކަމުގެ ސަބަބުން ޣައްޒާގައި ބަނޑުގައިހޫނުކަން އިއުލާނުކޮށްފައިވާއިރު އެތައް ސަތޭކަބަޔަކު ވަނީ ބަނޑުހައިހޫނުކަމުގައި ޝަހީދުވެފަ އެވެ.
