ފަލަސްތީނުގެ ޣައްޒާ ސިޓީއަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދިނުމަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީ އަސްކަރިއްޔާއިން ތައްޔާރުވެއްޖެ އެވެ.
އިޒްރޭލުގެ މީޑިއާތަކުން އިޒްރޭލު ސިފައިންގެ އިސް ފަރާތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު ޣައްޒާ ސިޓީއަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދިނުމަށް ވަނީ ތައްޔާރުވެފަ އެވެ.
ޣައްޒާ ސިޓީގެ ޖަމާލް އަބްދުލް ނަސީރް ސަރަހައްދު ދޫކޮށްދިއުމަށް ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުގެ ސިފައިން ވަނީ އަންގާފަ އެވެ. އެ ސަރަހައްދުގެ ބައެއް އިމާރާތްތަކުގައި އަދި މަގުތަކުގައި ޓެންޓް ޖަހައިގެން ފަލަސްތީނުގެ ރައްޔިތުން ތިބިއިރު، އެ ސަރަހައްދު ދޫކޮށް ދިއުމަށް އަންގާފައިވަނީ އެ ސަރަހައްދަށް ބޮމުގެ ހަމަލާތަކެއް ދިނުމަށްކަމަށް ރިޕޯޓުކޮށްފައިވެ އެވެ. އަދި އެ ސަރަހައްދު ދޫކޮށް ނުގޮސްފިނަމަ މަރުވެދާނެ ކަމުގެ އިންޒާރުވެސް ޔަހޫދީ އަސްކަރިއްޔާއިން ވަނީ ދީފަ އެވެ.
އިޒްރޭލުގެ ސިފައިންގެ އިސް މީހަކާއި ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވަނީ، މި ހަމަލާތަކަކީ ހަމާސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށްދޭ ހަމަލާއެއް ކަމަށެވެ.
ނަމަވެސް ގިނަ ބަޔަކު ދެކޭގޮތުގައި މިއީ، އިޒްރޭލުން މުޅި ޣައްޒާ ހިފުމަށް ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން ރޭވިގެން ހިންގަމުންދާ ކަމެކެވެ.
2023 އޮކްޓޫބަރު 7 ވަނަ ދުވަހު ދުވަހުން ފެށިގެން އަޒްރޭލުން، ފަލަސްތީނުގެ ނަސްލުނައްތާލުމަށް އިންތިޒާމުވެގެން ހިންގަމުންދާ ޖަރީމާގައި މިހާތަނަށް 64,522 މީހުން ޝަހީދުކޮށްލާފައިވެ އެވެ. މި ހަމަލާތަކުގައި 163,096 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.
