އިސްރާއީލުން އިރާނަށް ދިން އަނިޔާވެރި ހަމަލާތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި އެވެ.
އިސްރާއީލުގެ އަނިޔާވެރި، ލާއިންސާނީ ހަމަލާތައް ކުށްވެރިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، އަދި ސަރަޙައްދީ ސުލްޙައާއި ހަމަޖެހުމަށް ނުރައްކާވެދާނެ ކަންތައްތަކެކެވެ. އަދި ހަމަނުޖެހުން އިތުރުވިޔަ ނުދިނުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ވެސް ވިދާޅުވި އެވެ.
އިސްރާއީލުން އިރާނަށް ދިން ހަމަލާތަކުގައި އެ ޤައުމުގެ މުހިންމު ނިއުކްލިއަރ ފެސިލިޓީތަކާއި މިލިޓަރީ ތަންތަނަށް އަމާޒުކޮށްފައިވެ އެވެ. މި ހަމަލާތައް އަމާޒުކުރެވުނު ތަންތަނުގެ ތެރޭގައި ޓެހުރާން، ނަޓަންޒް، ތަބްރީޒް، އިސްފަހާން، އަރާކް އަދި ކަރްމާންޝާ ހިމެނެ އެވެ. ނަޓަންޒް ޔުރޭނިއަމް އެންރިޗްމަންޓް ފެސިލިޓީ އާއި ތަބްރީޒްގެ މިލިޓަރީ އިންސްޓޮލޭޝަންތަކާ ކައިރީގައި ގޮވުންތައް އިވިފައިވާކަން ރިޕޯޓުތަކުން ދައްކައެވެ.
މި ހަމަލާތަކުގައި އިރާނުގެ އިސް މިލިޓަރީ އޮފިޝަލުންނާއި ނިއުކްލިއަރ ސައިންޓިސްޓުން މަރުވެފައިވާކަން އެ ގައުމުގެ މީޑިއާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ. މަރުވި އިސް އޮފިޝަލުންގެ ތެރޭގައި އައި.އާރް.ޖީ.ސީ ކޮމާންޑަރ ހުސެއިން ސަލާމީ، މިލިޓަރީ ޗީފް މުހައްމަދު ބާގެރީ، އަދި މޭޖަރ ޖެނެރަލް ގުލާމްއަލީ ރަޝީދު ހިމެނެ އެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވި ގޮތުގައި މި އޮޕަރޭޝަންގެ މަޤްޞަދަކީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި މިސައިލް އުފެއްދުމުގެ ޤާބިލުކަން ނައްތާލުމެވެ. ނަމަވެސް އިރާނުގެ ސުޕްރީމް ލީޑަރ އާޔަތުއްލާ އަލީ ހާމަނެއީ ވަނީ ”ވޭންދެނިވި އަދި ހިތި“ ޖަވާބެއް ދޭނެކަމަށް އިންޒާރުދެއްވާފަ އެވެ.