ޣައްޒާ ސިޓީގައި މިހާރު މަސައްކަތްކުރަމުންދާ އެންމެ ފަހު ހޮސްޕިޓަލް ކަމުގައިވާ އަލް-އަހްލީ ބެޕްޓިސްޓް ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓާއި ސަރޖަރީ ޑިޕާޓްމަންޓް އިސްރާއީލުގެ ހަމަލާއަކުން ބިމާ ހަމަކޮށްލާފި އެވެ.
ހޮސްޕިޓަލަށް ހަމަލާދިނުމުގެ ކުރިން އިސްރާއީލު ޑިފެންސް ފޯސަސްއިން ވަނީ ހޮސްޕިޓަލުގެ އެމަޖެންސީ ޑިޕާޓްމަންޓުގައި މަސައްކަތްކުރި ޑޮކްޓަރަކަށް ގުޅައި، 20 މިނެޓުގެ ތެރޭގައި ހޮސްޕިޓަލު ހުސްކުރުމަށް އަންގާފަ އެވެ. މި އިންޒާރާ ގުޅިގެން ހޮސްޕިޓަލުގައި ތިބި ބަލިމީހުންނާއި މެޑިކަލް ސްޓާފުން އަވަސް އަވަހަށް އެތަނުން ނިކުމެގެން ދިޔަ މަންޒަރުތައް ވަނީ ސޯޝަލް މީޑިއާގައި ފެތުރިފަ އެވެ.
އަލް-އަހްލީ ހޮސްޕިޓަލަކީ ޣައްޒާގެ އެހެން މައި ހޮސްޕިޓަލުތައް ކަމުގައިވާ އަލް-ޝިފާ މެޑިކަލް ކޮމްޕްލެކްސްއާއި އުތުރު ސަރަހައްދުގެ ހޮސްޕިޓަލުތައް ހަލާކުވުމަށްފަހު، ޣައްޒާ ސިޓީގައި މަސައްކަތްކުރަމުންދިޔަ ހަމައެކަނި ހޮސްޕިޓަލެވެ. މި ހޮސްޕިޓަލަށް ވެސް ހަމަލާދީފައިމިވަނީ ހާހަކަށްވުރެ ގިނަ ބަލިމީހުންނާއި މެޑިކަލް ސްޓާފުން އެތަނުގައި ތިއްބާ އެވެ.
މިއީ މި ހޮސްޕިޓަލަށް ދެވުނު ފުރަތަމަ ހަމަލާއެއް ނޫނެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރުގައި ވެސް މި ހޮސްޕިޓަލަށް ދެވުނު ހަމަލާއެއްގައި ސަތޭކައަށްވުރެ ގިނަ މީހުން މަރުވި އެވެ. އެ ހަމަލާއަކީ އިސްރާއީލުގެ ހަމަލާއެއްކަމަށް ފަލަސްޠީނު އޮފިޝަލުން ބުނި ނަމަވެސް، އިސްރާއީލުން ބުނެފައިވަނީ އެއީ ޕެލެސްޓީނިއަން އިސްލާމިކް ޖިހާދުގެ ރޮކެޓެއް ފެއިލްވުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށެވެ.
ހަމާސްގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަށްފަހު، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 50,933 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން 1,563 މީހުން މަރުވެފައިވަނީ މި އަހަރުގެ މާރޗް 18 ގައި އިސްރާއީލުން އަލުން ހަމަލާތައް ފެށުމަށްފަހުގަ އެވެ.
