ޗައިނާގެ މަޝްހޫރު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް، ޑީޕްސީކް އަލަށް ޑައުންލޯޑްކުރުން ދެކުނު ކޮރެއާގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ އިދާރާއިން މަނާކޮށްފި އެވެ.
މި ފިޔަވަޅު އަޅާފައިވަނީ ޤައުމީ ސަލާމަތާއި ޒާތީ މަޢުލޫމާތުގެ ރައްކާތެރިކަމަށް ކުރިމަތިވެދާނެ ނުރައްކާތަކަށް ރިޢާޔަތްކޮށެވެ.
ފާއިތުވި ހަފްތާގައި ދެކުނު ކޮރެއާގައި ޑީޕްސީކްގެ މަޤްބޫލުކަން އިންތިހާއަށް އިތުރުވެ، އެޕް ސްޓޯތަކުގެ އެންމެ މަތީ މައްޗަށް އަރައި، ހަފްތާއަކު އެއް މިލިއަނަށްވުރެ ގިނަ ޑައުންލޯޑްކޮށްފައިވެ އެވެ. ނަމަވެސް މި އެޕްގެ މަޤްބޫލުކަން އިތުރުވުމާއެކު، ސަލާމަތީ ކަންބޮޑުވުންތަކެއް އުފެދުނެވެ.
ދެކުނު ކޮރެއާގެ ވަގުތީ ރައީސް ޗޮއި ސަންގް-މޮކް ވިދާޅުވެފައިވަނީ ޑީޕްސީކްއަކީ ”ޝޮކެއް“ ކަމަށާއި، އޭއައިގެ ދާއިރާއިން އެ ޤައުމުގެ ޞިނާޢަތްތަކަށް ފާހަގަކުރެވޭ އަސަރުތަކެއް ކުރެވިދާނެ ކަމަށެވެ.
ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ކޮމިޝަނުން ހާމަކުރި ގޮތުގައި، ހޮނިހިރު ދުވަހުގެ ރޭ ފެށިގެން އެޕަލްގެ އެޕް ސްޓޯއާއި ގޫގުލް ޕްލޭގައި ޑީޕްސީކް އެޕް ލިބޭކަށް ނުހުންނާނެ އެވެ. އެހެންނަމަވެސް، މިހާރުވެސް އެމީހުންގެ ފޯނުތަކުގައި އެ އެޕް ހުރި މީހުންނަށް އޭގެ ބޭނުންކުރެވޭނެއެވެ. އަދި ޑީޕްސީކްގެ ވެބްސައިޓް މެދުވެރިކޮށްވެސް އެއަށް ވަދެވޭނެ އެވެ.
ދެކުނު ކޮރެއާގެ އިތުރުން، ޓައިވާނާއި އޮސްޓްރޭލިއާ ފަދަ ޤައުމުތަކުންވެސް ވަނީ އެ ޤައުމުތަކުގެ ހުރިހާ ސަރުކާރުގެ ވަސީލަތްތަކުން ޑީޕްސީކް އެޕް ބޭނުންކުރުން މަނާކޮށްފަ އެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ ޤައުމީ ސަލާމަތާއި ޒާތީ މަޢުލޫމާތުގެ ރައްކާތެރިކަމަށް ދިމާވެދާނެ ނުރައްކާތަކަށް ރިޢާޔަތްކޮށެވެ.



