ދެކުނު ކޮރެއާގެ ގިމްހޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި އެއަރ ބުސާން އެއަރލައިންގެ އެއަރބަސް މަތިންދާބޯޓެއްގައި އަލިފާން ރޯވެ، 169 ފަސިންޖަރުންނާއި 7 ފަޅުވެރިން ސަލާމަތްކޮށްފި އެވެ.
މި ހާދިސާ ހިނގީ އަންގާރަ ދުވަހު، މަތިންދާބޯޓު ހޮންކޮންގަށް ފުރުމަށް ތައްޔާރުވަމުންދަނިކޮށެވެ.
ބުސާންގެ ފަޔަރ އޮތޯރިޓީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާގައި އެއް މީހަކަށް ކުޑަ އަނިޔާއެއް ވެ، އެ ފަރާތް ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ފަޔަރ ސަރވިސްއިން ބުނެފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ މަތިންދާބޯޓުގެ އެތެރެއިންނެވެ. ޔޮންހަޕް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ފުރަތަމަ އަލިފާން ރޯވަން ފެށީ މަތިންދާބޯޓުގެ ފަހަތު ބައިންނެވެ.
ފްލައިޓްރާޑާ24ގެ ޓްރެކިންގ ޑޭޓާއިން ދައްކާގޮތުގައި މި ހާދިސާގައި އަލިފާން ރޯވި މަތިންދާބޯޓަކީ އެއަރބަސް އޭ321 މޮޑެލްގެ މަތިންދާބޯޓެކެވެ. އެއަރ ބުސާނަކީ ދެކުނު ކޮރެއާގެ އަސިއާނާ އެއަރލައިންސްގެ ބަޖެޓް އެއަރލައިނެކެވެ. އަދި އަސިއާނާ އެއަރލައިންސް ވަނީ ޑިސެމްބަރު މަހު ކޮރެއަން އެއަރއިން ގަނެފަ އެވެ.
މި ހާދިސާ ހިނގާފައިވަނީ ދެކުނު ކޮރެއާގެ ތާރީހުގައި ހިނގި އެންމެ ނުރައްކާތެރި ފްލައިޓެއް ގޮވުމުގެ ހާދިސާ ހިނގިތާ މަސް ދުވަސް ފަހުންނެވެ. އެ ހާދިސާގައި ބެންކޮކުން އައި ޖެޖޫ އެއަރގެ މަތިންދާބޯޓެއް މުއާން ވައިގެ ބަނދަރުގެ ރަންވޭގައި އިމަޖެންސީ ލޭންޑިންގއެއް ކުރަމުން ވެއްޓި، 181 ފަސިންޖަރުންނާއި ފަޅުވެރިންގެ ތެރެއިން ދެ މީހަކު ފިޔަވައި އެހެން އެންމެން މަރުވި އެވެ.



