ޣައްޒާގެ ރައްޔިތުން، ޣައްޒާ ސްޓްރިޕްއިން ބޭރުކުރަން ބޭނުންވާކަން ހާމަކޮށް، އެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ބަލައިގަތުމަށް އުރުދުންނަށާއި، މިސްރުގެ ސަރުކާރަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.
ޓްރަމްޕް މިގޮތަށް ގޮވާލައްވާފައިވަނީ ހޮނިހިރު ދުވަހު އެއަރ ފޯސް ވަންގައި ނޫސްވެރިންނާއެކު ބޭއްވުނު ބައްދަލުވުމެއްގަ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ އެދުމަކީ ޣައްޒާއިން އެކަށީގެންވާ މިންވަރެއްގެ އާބާދީއެއް ބޭރަށް ގެންގޮސް، ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ އެ ސަރަޙައްދު އަލުން އާރާސްތުކުރުމެވެ. އަދި އެކަމަށްޓަކައި އަވައްޓެރި އަރަބި ޤައުމުތަކުން، ޣައްޒާގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ބަލައިގަތުމަށް އޭނާގެ ސަރުކާރުން ބާރު އަޅާނެކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އެކަމާއި ގުޅޭގޮތުން މަޝްބަރާކުރުމަށް ޓްރަމްޕް ވަނީ އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނަ އަށް ފޯނުން ގުޅުއްވާފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި ޓްރަމްޕް ވަނީ މިސްރުގެ ރައީސް އަބްދުލް ފައްތާޙް އައް-ސީސީއާވެސް މަޝްވަރާކުރުމަށް ހަމަޖެހިފަ އެވެ.
މީގެކުރިންވެސް ޣައްޒާގެ ރައްޔިތުން އަވައްޓެރި އެހެން ޤައުމުތަކަށް ބަދަލުކުރުމަށް އެމެރިކާ އިސްވެ އޮވެ، އިޒްރޭލްގެ ހީލަަތްތެރި ރޭވުމާއެކު މަސައްކަތްތަކެއްކޮށްފައިވެ އެވެ. އޭރުގައި އަރަބި ޤައުމުތަކުން ބުނެފައިވަނީ އެމެރިކާއިން އެގޮތަށް އެކަން ކުރުމަށް ބޭނުންވަނީ އިސްރޭއިލްގެ ސަރުކާރުން އެގޮތަށް އެދޭތީ ކަމަށާއި، އަދި އެއީ ޣައްޒާގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ބިމުން ނެރިލުމަށްފަހު، އެ ސަރަހައްދަށް އިސްރޭއިލުން ވެރިވެގަތުމަށް ކުރާ ކަމެއް ކަމަށެވެ.
އޭގެއިތުރުން ޓްރަމްޕް ވަނީ އޭނާގެ ސަރުކާރުން އިސްރޭލުގެ ޖައްބާރުންނަށް އިތުރު ބޮންތައްވެސް ފޯރުކޮށްދީފައިވާކަން ހާމަކުރައްވާފަ އެވެ. އެގޮތުން ކުރީ ސަރުކާރުން ހިފަހައްތާފަ ހުރި 2000 އަށްވުރެ ގިނަ ބޮން އޭނާގެ ސަރުކާރުން ދޫކޮށްލައިފައިވާކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެ ބޮންތައް ދޫކޮށްލި ސަބަބެއްކަމަށް ޓްރަމްޕް ވިދާޅުވީ ބޮންތައް އިސްރޭލުން ގަނެފައިވުންކަމަށެވެ.