އެމެރިކާގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރައްވަމުން، ޑޮނަލްޑް ޓްރަމްޕް މިއަދު އެމެރިކާގެ 47 ވަނަ ރައީސްކަމުގެ މަޤާމުގެ ހުވާކުރައްވައިފި އެވެ.
މޫސުން ގޯސްވުމާ ގުޅިގެން، ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ އެމެރިކާގެ ކެޕިޓަލް ބިލްޑިންގ ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ތެރޭގަ އެވެ.
1890 ގެ ފަހުން، އެއް ދައުރު ނިންމެވުމަށްފަހު ބަލިވެވަޑައިގެން، އަނެއްކާވެސް ރައީސްކަމަށް އިންތިޚާބުވެވަޑައިގަތް ފުރަތަމަ ރައީސަކަށް ވެވަޑައިގަތުމުގެ ޝަރަފު ޓްރަމްޕަށް ލިބިވަޑައިގެންފައިވެ އެވެ. ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ދެއްވި ފުރަތަމަ ތަގުރީރުގައި، ”އެމެރިކާ ދަށަށް ދިއުން މިހިސާބުން ނިމުމަކަށް އައިސްފި“ ކަމަށް ވިދާޅުވެ، ޤައުމު މިހާރު ދަނީ އިތުބާރު ގެއްލިފައިވާ ހާލަތެއްގައި ކަމަށް ފާހަގަކުރެއްވި އެވެ.

ޓްރަމްޕްގެ ތަގުރީރުގައި ބައިޑަންގެ ވެރިކަމަށް ހަރުކަށި ފާޑުކިޔުންތަކެއް ރައްދުކުރައްވައި، ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންނަކީ ނުރައްކާތެރި ކުށްވެރިން ކަމަށް ވިދާޅުވި އެވެ. އަދި އެމެރިކާގެ އަމިއްލަ ސަރަހައްދު ރައްކާތެރިނުކޮށް، އެހެން ޤައުމުތަކުގެ ބޯޑަރު ހިމާޔަތްކުރުމަށް ބޮޑެތި ހޭދަތަކެއް ކުރަމުންދާކަން ފާހަގަކުރެއްވި އެވެ. މީގެއިތުރުން ޔޫކްރެއިންއަށް ދެމުންދާ އެހީތެރިކަމާމެދުވެސް ސުވާލު އުފެއްދެވި އެވެ.
ޓްރަމްޕް ވަނީ މިނިވަންކަމާއި، ސަލާމަތްތެރިކަމާއި، ޢަދުލު އިންސާފު އަލުން ޤާއިމުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައި، ބިދޭސީންނާ ގުޅޭ ސިޔާސަތުތަކާއި، ހަކަތައިގެ ދާއިރާއާއި، ސަރުކާރުގެ ޑައިވަރސިޓީ ޕްރޮގްރާމްތަކާ ގުޅޭ އެގްޒެކެޓިވް އަމުރުތަކެއް ނެރުއްވާނެކަން ހާމަކުރައްވާފަ އެވެ.
ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ވަގުތުތަކުގައި، ގިނަ އަދަދެއްގެ އެގްޒެކެޓިވް އަމުރުތަކެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާއިރު، މީގެތެރޭގައި މަރުގެ އަދަބު އަލުން ތަންފީޒުކުރުމާއި، ރަސްމީ ލިޔުންތަކުގައި ޖިންސު ބަޔާންކުރުން މަޖުބޫރުކުރުމާއި، އަދި ޑައިވަރސިޓީއާ ގުޅޭ މަޝްރޫޢުތައް ހުއްޓާލުން ހިމެނެ އެވެ.