އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ޙަވާލުވުމުގެ ކުރިން ޓިކްޓޮކްގެ ޚިދުމަތްތައް އަލުން އެމެރިކާގައި ފަށައިފި އެވެ.
މިއީ ރައީސް ޓްރަމްޕް ހޯމަ ދުވަހު ވެރިކަމާ ޙަވާލުވާއިރު އެމެރިކާގައި އެ އެޕްލިކޭޝަންގެ ބޭނުންކުރުން އަލުން ފަށައިދޭނެކަމަށް ވިދާޅުވުމާ ގުޅިގެން ނިންމި ނިންމުމެކެވެ.
އާދީއްތަ ދުވަހު ބޭއްވުނު ރެލީއެއްގައި ޓްރަމްޕް ވިދާޅުވީ، ”ޙަޤީޤަތުގައި، އަޅުގަނޑުމެންނަށް އެހެން ގޮތެއް ނެތް. އަޅުގަނޑުމެން އެ އެޕްލިކޭޝަން ސަލާމަތްކުރަން ޖެހޭނެ“ ކަމަށެވެ. އަދި 170 މިލިއަން އެމެރިކާ ރައްޔިތުން ބޭނުންކުރާ މި ކުރު ވީޑިއޯ ޙިއްޞާކުރާ އެޕްލިކޭޝަން އަލުން ފެށުމަށް އެމެރިކާއިން ޖޮއިންޓް ވެންޗަރއެއް ހޯދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރެލީ ފެށުމުގެ ކުރިން ޓިކްޓޮކުން އެ އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ: ”ރައީސް ޓްރަމްޕްގެ މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން، ޓިކްޓޮކް އެމެރިކާގައި އަނބުރާ ލިބެން ފަށައިފި.“ އެވެ. މީގެ ކުރިން ނެރުނު ބަޔާނެއްގައި ޓިކްޓޮކުން ބުނެފައިވަނީ އެ ކުންފުނިން މިހާރު ވަނީ ޚިދުމަތް އަލުން ފެށުމުގެ މަރުޙަލާގައި ކަމަށެވެ.