އދ. ގެ ފަލަސްތީނު ރެފިއުޖީ އެހީގެ އޭޖެންސީ (އަންރުވާ) އިން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް 4،000 ޓްރަކު ތައްޔާރަށް ބަހައްޓާފައިވާ ކަމަށް އެ އޭޖެންސީގެ ވެރިޔާ ފިލިޕް ލަޒަރީނީ ވިދާޅުވެއްޖެ އެވެ.
މި އެހީގެ ތެރެއިން ދެބައިކުޅައެއްބައި ހިއްސާކުރަނީ ކާބޯތަކެއްޗެވެ.
އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމުން ހާމަކޮށްފައިވާ ގޮތުގައި އެ ޖަމްޢިއްޔާގެ އަތުގައި އެއް މިލިއަނަށްވުރެ ގިނަ މީހުންނަށް ތިން މަސް ދުވަހަށް ފުދޭވަރަށް ކާބޯތަކެތި ތައްޔާރަށް އެބަ ހުއްޓެވެ. ނަމަވެސް، ފާއިތުވި 15 މަސް ދުވަހުގެ ހަނގުރާމައިގެ މުއްދަތުގައި، އދ. އިން ވަނީ އެ ފަރާތުގެ އިންސާނީ އެހީގެ މަސައްކަތްތަކަކީ އެވަގުތަކަށް ލިބޭ ފުރުސަތުތަކުގެ މައްޗަށް ބިނާވެފައިވާ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމަވެރި ފަރާތްތަކާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމާ ގުޅިގެން ޣައްޒާއަށް ފޯރުކޮށްދެވޭ އިންސާނީ އެހީގެ މިންވަރު އިތުރުވާނެ ކަމަށް ބެލެވެއެވެ. މިއާއެކު، އެ ސަރަޙައްދުގައި އިންސާނީ އެހީގެ ޤާފިލާތަކަށް އަމާޒުކޮށް ހިންގޭ ވައްކަމުގެ ޢަމަލުތަކާއި ހަތިޔާރުއެޅި ގުރޫޕުތަކުން ދޭ ގެއްލުންތައް މަދުވެގެންދާނެ ކަމަށް ލަޒަރީނީ އުންމީދުކުރައްވައެވެ.
”އަޅުގަނޑުމެން ޣައްޒާއަށް އެހީ ފޯރުކޮށްދިނުން އިތުރުކުރަން ފަށައިފިނަމަ… މިފަދަ ގޮންޖެހުންތައް މަދުކުރެވިދާނެ،“ ލަޒަރީނީ ވިދާޅުވިއެވެ. ”އެހެންނަމަވެސް، އަޅުގަނޑުމެންނަށް ބޭނުންވަނީ ރޭވިފައިވާ ގޮތަކަށް، މެދުނުކެނޑި، އަދި ހުރަހެއްނެތި ރައްޔިތުންނާ ހަމައަށް ވާސިލުވުމުގެ ފުރުސަތެއް.“
ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރ ހުކުރު ދުވަހު ވިދާޅުވެފައިވަނީ އެހީގެ މިންވަރު އިތުރުކުރުމުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެ ސަރަޙައްދަށް ފޮނުވާފައިވާ ޓީމަކުން މަސައްކަތްކުރަމުންދަނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އަވަސްކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.