ޗައިނާގެ ޓިބެޓު ސަރަޙައްދުގައި ކުއްލިއަކަށް އައި ވަރުގަދަ ބިންހެލުމަކާ ގުޅިގެން މަދުވެގެން 53 މީހުން މަރުވެ، 62 މީހުން ޒަޚަމްވެ ތާށި ވެފައިވާ ކަމަށް ޗައިނާ ރިޕޯޓުތަކުން ހާމަކޮށްފިއެވެ.
ޗައިނާގެ ޒިންހުއާ ނިއުސް އޭޖެންސީން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި ހާދިސާ ހިނގީ މިއަދު ހެނދުނު އެވެ. އަދި ޗައިނާގެ ހުޅަނގު ސަރަޙައްދާ އިންވެގެންވާ ނޭޕާލްގައިވެސް އެތައް އާފްޓަރޝޮކްތަކެއް އިހުސާސްކުރެވުނެވެ.
ޗައިނާގެ އިމަރޖެންސީ މެނޭޖްމަންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި، ބިމަށް ތިރިވެފައިވާ ގެތަކުން މީހުން ސަލާމަތްކުރުމަށްޓަކައި 1,500 އަށްވުރެ ގިނަ ފަޔަރ ފައިޓަރސް އަދި މީހުން ސަލާމަތްކުރާ މަސައްކަތްތެރިން ވަނީ ފޮނުވިފައެވެ.
ޗައިނާ އަރތްކުއޭކް ނެޓްވަރކްސް ސެންޓަރުގެ ރިޕޯޓުގައިވާ ގޮތުން، ބިންހެލުން އައީ ލޯކަލް ގަޑިން ހެނދުނު 9:05 ގައި (ޖީ.އެމް.ޓީ 01:05 ގައި) 10 ކިލޯމީޓަރު (6.2 މޭލު) ފުންމިނުގައެވެ. މި ސެންޓަރުން ބިންހެލުމުގެ ވަރު ރެކޯޑުކޮށްފައިވަނީ 6.8 މެގްނިޓިއުޑްގައެވެ. އެހެންނަމަވެސް، ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސަރވޭއިން މިންކޮށްފައިވާ ގޮތުގައި ބިންހެލުމުގެ ވަރަކީ 7.1 މެގްނިޓިއުޑެވެ.
މި ފަދަ ވަރުގަދަ ބިންހެލުމަކީ ބޮޑެތި ގެއްލުންތައް ދިނުމުގެ ޤާބިލުކަން ހުރި ބިންހެލުން ތަކެކެވެ. އަދި މީގެ އިތުރުން އެތައް އާފްޓަރޝޮކްތަކެއް އައިސްފައިވާކަމަށް ރިޕޯޓުކުރެވިފައިވެ އެވެ. އޭގެ ތެރެއިން އެންމެ ގަދަ އާފްޓަރޝޮކްގެ ވަރަކީ 4.4 މެގްނިޓިއުޑެވެ.
ޒިންހުއާ ނިއުސް އޭޖެންސީގެ ރިޕޯޓުގައިވާ ގޮތުން، މަދުވެގެން 9 މީހުން މަރުވެފައިވަނީ ޝިގަޓްސޭގެ ވަށައިގެންވާ ޓިންގްރީ ކައުންޓީގެ ތިން ރަށެއްކަމަށްވާ ޗަންގްސުއޯ، ޤުލުއޯ އަދި ކުއޯގުއޯގައެވެ. މި ރަށްތަކުގައި ގިނަ އިމާރާތްތަކެއް ވަނީ ވެއްޓިފައެވެ.
މި ބިންހެލުމުގެ އަސަރު އުތުރު އިންޑިއާގެ ބިހާރު ސްޓޭޓާއި، ނޭޕާލްގެ ވެރިރަށް ކަޓްމަންޑޫއަށްވެސް ފޯރާފައިވެ އެވެ. މި ތަންތަނުގައި އިމާރާތްތައް ހެލުނު ވަގުތު މީހުން ގެތަކުން ބޭރަށް ނުކުތްކަމަށް ރިޕޯޓުކުރެވިފައިވެއެވެ. އަދި ނޭޕާލްގެ ހިމާލަޔާ ސަރަޙައްދުގައި މައުންޓް އެވަރެސްޓާ ކައިރީގައިވާ ލޮބުޗޭ ސަރަޙައްދުގައިވެސް ބިންހެލުމާއި އާފްޓަރޝޮކްތަކުގެ އަސަރު ކުރިއެވެ.
މި ނުރައްކާތެރި ޤުދުރަތީ ކާރިސާއާ ގުޅިގެން، ސަރަޙައްދުގެ އެކި ސަރުކާރުތަކުން ވަނީ ކުއްލި ޙާލަތު އިޢުލާނުކޮށް، ސަލާމަތްކުރުމާއި އިންސާނީ އެހީގެ މަސައްކަތްތައް ހަލުވިކޮށްފައެވެ.