ނިއު ޔޯކުގައި ހިނގި ޑޮނަލްޑް ޓްރަމްޕްގެ ފައިސާގެ މައްސަލައިގައި ޖެނުއަރީ 10 ވަނަ ދުވަހު ޙުކުމް އިއްވުމަށް ފަނޑިޔާރު ޖުއާން މަރޗާން އަމުރުކުރައްވައިފިއެވެ. މިއީ އޭނާ ރައީސްކަމުގެ ހުވާކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ 2 ހަފްތާއަށްވުރެ ކުރު މުއްދަތެއްގެ ކުރިންނެވެ.
ފަނޑިޔާރު ޖުއާން މަރޗާން ވިދާޅުވެފައިވަނީ ޓްރަމްޕަށް ޖަލު ޙުކުމެއް ނުވަތަ ޕްރޮބޭޝަން ނުވަތަ ޖޫރިމަނާއެއް ނުކުރައްވާނެ ކަމަށެވެ. އޭގެ ބަދަލުގައި ”އަންކޮންޑިޝަނަލް ޑިސްޗާޖް“ އެއް ދެއްވާނެ ކަމަށެވެ. އަދި ޓްރަމްޕް އަށް އަޑުއެހުމަށް ޙާޟިރުވެވިދާނެ ކަމަށާއި ނުވަތަ ވާރޗުއަލްކޮށް ބައިވެރިވެވިދާނެ ކަމަށް އަމުރުގައި ބަޔާންކުރައްވާފައިވެ އެވެ.
ޓްރަމްޕް ވަނީ ރައީސްކަމުގެ އިންތިޚާބުގައި ކާމިޔާބުކުރެއްވި ކާމިޔާބު ބޭނުންކޮށްގެން އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާ ބާޠިލުކުރުމަށް މަސައްކަތްކުރައްވާފައެވެ. ސޯޝަލް މީޑިއާގައި ޕޯސްޓުކުރައްވާފައިވަނީ ފަނޑިޔާރުގެ އަމުރަކީ ”ޣައިރު ޤާނޫނީ ސިޔާސީ ހަމަލާއެއް“ ކަމަށާއި މައްސަލައަކީ ”ރޭވިގެން ހިންގޭ ޚިޔާނާތެއް“ ކަމަށެވެ..
ޓްރަމްޕްގެ މައްޗަށް މެއި މަހު ސާބިތުވެފައިވަނީ ވިޔަފާރީގެ ރެކޯޑުތައް މަކަރުހެދުމުގެ 34 ބޮޑު ކުށެވެ. މިއީ ބޮލީވުޑް ތަރި ސްޓޯމީ ޑެނިއަލްސްއަށް 130,000 ޑޮލަރު (105,000 ޕައުންޑް) ދިނުމާ ގުޅޭ ކުށްތަކެކެވެ. މި ދަޢުވާތަކަކީ އޭނާގެ ކުރީގެ ވަކީލު މައިކަލް ކޯހެންއަށް ދިން ފައިސާ ފޮރުވުމަށް ކުރެވުނު މަސައްކަތްތަކާ ގުޅޭ ދަޢުވާތަކެކެވެ. 2016 ވަނަ އަހަރުގެ އިންތިޚާބުގެ ކެމްޕޭނުގެ ފަހު ދުވަސްތަކުގައި ޓްރަމްޕާއެކު ޖިންސީ ގުޅުމެއް އޮތްކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އަޑުމަޑުކުރުމަށް ކޯހެން އެ ބޮލީވުޑް ތަރިއަށް ފައިސާ ދީފައިވެއެވެ.
ޓްރަމްޕް ވަނީ އެއްވެސް ކުށެއް ކުރެއްވި ކަމަށް އިންކާރުކުރައްވައި، ކުށަށް އިޢުތިރާފު ނުވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި މައްސަލައަކީ 2024 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނަށް ގެއްލުން ދިނުމުގެ ގޮތުން ކުރިއަށް ގެންދާ މައްސަލައެއް ކަމަށް ވިދާޅުވެފައިވެއެވެ.
ހޮނިހިރު ދުވަހު އޭނާގެ ”ޓްރޫތް ސޯޝަލް“ ޕްލެޓްފޯމުގައި ޓްރަމްޕް ވިދާޅުވެފައިވަނީ ފަނޑިޔާރުގެ ޙުކުމް އިއްވުމުގެ އަމުރަކީ ”އަހަރެމެންގެ ޤާނޫނު އަސާސީއާ ޚިލާފު އެއްޗެއް ކަމަށާއި، މިކަން މިގޮތަށް ދޫކޮށްލައިފިނަމަ، މިހާރު އަހަރެމެންނަށް އެނގިފައިވާ ގޮތުގެ ރައީސްކަން ނިމުމަކަށް އަންނާނެ“ ކަމަށެވެ.
މި މައްސަލައާ ދެކޮޅަށް އޭނާ ހުށަހެޅުއްވި އެންމެ ފަހުގެ މޯޝަންގައި ޓްރަމްޕް ވިދާޅުވެފައިވަނީ މި މައްސަލަ އޭނާގެ ރައީސްކަމުގެ ދައުރުގައި ދެމިގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ވެރިކަން ހިންގުމަށް ހުރަސްއެޅޭނެ ކަމަށެވެ.
ފަނޑިޔާރު މަރޗާން ވިދާޅުވެފައިވަނީ ރައީސްކަމުގައި ހުންނަވަނިކޮށް ޖިނާއީ މައްސަލައަކުން ސަމާލުކަން އެއްކިބާވުމާ ގުޅޭގޮތުން ޓްރަމްޕްގެ ކަންބޮޑުވުންތައް ޙައްލުކުރެވިދާނެ ގޮތްތަކެއްގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ޖޫރީގެ ނިންމުން ބަދަލުކުރުމަށް ކުދި ފިޔަވަޅުތަކެއް އެޅިދާނެ ކަމަށް ވިދާޅުވެފައިވެއެވެ. އޭނާގެ އޮޕްޝަންތަކުގެ ތެރޭގައި ހިމެނެނީ 78 އަހަރުގެ ޓްރަމްޕް 2029 ގައި ވައިޓް ހައުސްއިން ވަކިވެވަޑައިގަންނަވަންދެން ޙުކުމް އިއްވުން ފަސްކުރެއްވުން، ނުވަތަ ޖަލަށް ނުލާނެކަމުގެ ޔަޤީންކަން ދެއްވުމެވެ.
ޓްރަމްޕް ވަނީ ފުރަތަމަ، އަދި ކާމިޔާބު ނުވި ނަމަވެސް، ރައީސުންގެ އިމިއުނިޓީއާ ބެހޭ ސުޕްރީމް ކޯޓުގެ ނިންމުމާ ޚިލާފަށް އޭނާގެ މައްޗަށް ދަޢުވާ އުފުލާފައިވާ ކަމަށް ވާހަކަދައްކަވާފައެވެ. ޖުލައި މަހު، ޤައުމުގެ އެންމެ މަތީ ކޯޓުން ނިންމާފައިވަނީ ރައީސުންނަށް މަޤާމުގައި ތިއްބަވަނިކޮށް ކުރައްވާ ”ރަސްމީ ޢަމަލުތަކަށް“ ޖިނާއީ ދަޢުވާއިން ފުޅާ ދާއިރާއެއްގައި އިމިއުނިޓީ ލިބިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، ފާއިތުވި މަހު ފަނޑިޔާރު މަރޗާން ނިންމެވީ ޓްރަމްޕްގެ މައްޗަށް ފައިސާގެ މައްސަލައިގައި ކުރެވުނު ޙުކުމް ޞައްޙަ ކަމަށެވެ.
އެމެރިކާގައި ވިޔަފާރީގެ ރެކޯޑުތައް ދޮގުހެދުމުގެ ކުށަށް އެންމެ ގިނަވެގެން 4 އަހަރުގެ ޖަލު ޙުކުމެއް ކުރެވިދާނެ ނަމަވެސް، އެންމެ ކުޑަ ޙުކުމެއް ކަނޑައެޅިފައެއް ނުވެއެވެ. އަދި ޖަލަށްލުން ލާޒިމެއް ނޫނެވެ. އިންތިޚާބުގައި ކާމިޔާބުކުރެއްވުމުގެ ކުރިން ވެސް، ޤާނޫނީ މާހިރުން ދެކެވަޑައިގަންނަވަނީ ޓްރަމްޕްގެ އުމުރާއި ޤާނޫނީ ރެކޯޑަށް ބަލާއިރު، އޭނާއަށް ޖަލު ޙުކުމެއް އިއްވުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.
ޓްރަމްޕްގެ މައްޗަށް އިތުރު ތިން ސްޓޭޓް އަދި ފެޑެރަލް ޖިނާއީ މައްސަލައެއްގައި ދަޢުވާ އުފުލިފައިވެއެވެ: އޭގެ ތެރެއިން އެއް މައްސަލައަކީ ސިއްރު ލިޔެކިޔުންތަކާ ގުޅޭ މައްސަލައެކެވެ. އަނެއް ދެ މައްސަލައަކީ 2020 ވަނަ އަހަރުގެ އިންތިޚާބުގައި ލިބުނު ބަލިކަން ބަދަލުކުރުމަށް ކަމަށް ތުހުމަތުކުރެވޭ މަސައްކަތްތަކާ ގުޅޭ މައްސަލަތަކެކެވެ.
ޓްރަމްޕްގެ މައްޗަށް ފުރަތަމަ ޙުކުމް އިއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 26 ވަނަ ދުވަހުއެވެ. ނަމަވެސް ޓްރަމްޕް ރިޔާސީ އިންތިޚާބުގައި ކާމިޔާބުކުރެއްވުމާ ގުޅިގެން ފަނޑިޔާރު މަރޗާން ވަނީ އެ ތާރީޚު ފަސްކުރައްވާފައެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން، ޑޮނަލްޑް ޓްރަމްޕަކީ ވައިޓް ހައުސްގައި ޚިދުމަތްކުރާނެ ފުރަތަމަ ބޮޑު ކުށްވެރިޔާ (ފެލަން) އެވެ.