ދެކުނު ކޮރެއާގެ ވަގުތީ ރައީސް ހާން ޑަކް-ސޫ މަޤާމުން ދުރުކުރުމަށް އެ ޤައުމުގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން މަޖިލީހަށް ހުށަހަޅައިފި އެވެ.
މިއީ އިރުމަތީ އޭޝިއާގެ މި ޤައުމުގެ ސިޔާސީ ހަލަބޮލިކަން އިތުރަށް ގޯސްވެގެން ދިޔުމުގެ ނިޝާނެކެވެ.
ބުރާސްފަތި ދުވަހު މި މައްސަލަ ހުށަހެޅި ކަމަށް ޑިމޮކްރެޓިކް ޕާޓީން ބުނެފައިވަނީ، އިމްޕީޗްކުރެވިފައިވާ ރައީސް ޔޫން ސުކް-ޔޯލްގެ މައްޗަށް އުފުލިފައިވާ އަމުރުނުކިޔަމަންތެރިކަމުގެ ދަޢުވާ ކޯޓުން ބެލުމުގެ ކުރިން، އެ ޤައުމުގެ ޤާނޫނު އަސާސީގެ ދަށުން ކޯޓުގެ ހުސްވެފައިވާ ތިން މަޤާމަށް މީހުން އައްޔަންކުރުމަށް ވަގުތީ ވެރިޔާ ހާން ޑަކް-ސޫ ޖެހިލުންވާތީ ކަމަށެވެ.
ނޫސްވެރިންނަށް ވާހަކަދައްކަމުން މެމްބަރު ޕާކް ސުންގް-ޖޫން ބުނެފައިވަނީ، ”އަޅުގަނޑުމެން މި މައްސަލަ ހުށަހަޅައިފިން… އަދި މިއަދު ޢާންމު ޖަލްސާއަށް މިކަން ރިޕޯޓުކުރާނަން. އަޅުގަނޑުމެން މާދަމާ މިއަށް ވޯޓަށް އަހާނަން.“ ކަމަށެވެ.
ދެކުނު ކޮރެއާ މި ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ވެއްޓުނީ ޑިސެމްބަރު 3 ވަނަ ދުވަހު ރައީސް ޔޫން ސުކް-ޔޯލް މާޝަލް ލޯ އިޢުލާންކުރުމާ ގުޅިގެންނެވެ. މި އިޢުލާނާ ގުޅިގެން ޑިސެމްބަރު 14 ވަނަ ދުވަހު ޕާލިމެންޓުން ވަނީ ޔޫންގެ މަސްއޫލިއްޔަތުތައް އޭނާގެ ކިބައިން ވަކިކޮށްފަ އެވެ.
އިމްޕީޗްމަންޓްގެ މަރުޙަލާ ފުރިހަމަވުމަށްޓަކައި ޕާލިމެންޓުން ނިންމި ނިންމުން ޤާނޫނު އަސާސީ ކޯޓުން ދަމަހައްޓަން ޖެހެ އެވެ. ނަމަވެސް މިހާރު ކޯޓުގައި ތިން ފަނޑިޔާރުން މަދުވެ އެވެ. ކޯޓަށް 6 މެންބަރުންނާއެކު ކުރިއަށް ދެވިދާނެ ނަމަވެސް، އެންމެ ވޯޓެއް ވެސް ދެކޮޅަށް ލިބިއްޖެނަމަ ޔޫން އަނބުރާ މަޤާމަށް އަންނާނެ އެވެ.
މި ހާލަތުގައި، ވަގުތީ ރައީސް ހާން ޑަކް-ސޫ އިމްޕީޗްކުރުމަށް އިދިކޮޅު ޕާޓީން ހުށަހެޅުމަކީ ދެކުނު ކޮރެއާގެ ސިޔާސީ މަޝްރަޙު އިތުރަށް ހަލަބޮލިވެ، ޤައުމުގެ ސިޔާސީ ހަމަޖެހުމަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެކެވެ.