ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، މޫޑީސް އިން ސްރީ ލަންކާގެ ބޭރު ފައިސާ އިޝޫކުރާ ރޭޓިން ’ސީއޭ‘ އިން ’ސީއޭއޭ1‘ އަށް މަތިކޮށްފި އެވެ.
މޫޑީސް އިން ލަންކާގެ ރޭޓިން މަތިކުރީ އެ ގައުމުގެ 12.55 ބިލިއަން ޑޮލަރުގެ ދަރަނި މުރާޖާ ކުރުމަށް އެ ގައުމުގެ ކްރެޑިޓަރުން މިދިޔަ ހަފުތާގައި ރުހުން ދިނުމާ ގުޅިގެންނެވެ.
މޫޑީސްއިން އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ލަންކާގެ ކްރެޑިޓް ޕްރޮފައިލްއިން ދައްކުވައިދެނީ ބޭރުގެ ނާޒުކުކަމާއި ސަރުކާރުގެ ލިކުއިޑިޓީ ރިސްކް ދަށްވުމާއި މާލީ އަދި ދަރަނި ދެމެހެއްޓުމަށް އޮތް ފުރުސަތުގެ މައްޗަށް ކަމަށެވެ.
ދަރަނީގެ ބުރަ ބޮޑުވެ، ބޭރު ފައިސާގެ ރިޒާވް ދަށްވުމުގެ ސަބަބުން އެ ގައުމުން ފުރަތަމަ ފަހަރަށް ބޭރުގެ ދަރަނި ނުދެއްކި ގައުމު ބަނގުރޫޓްވީ މެއި 2022ގަ އެވެ.