ހުވަފެން ފަނޑުވެގެން އެ ދިޔައީ އުމުރުން އެންމެ 14 އަހަރުގައި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުޑައިރުއްސުރެއް ބޮޑުވަމުން އަންނަން ދެން އަބަދުވެސް އަޑު އިވެނީ ހަޔާތުގައި ކުރަން ބޭނުންވާ އެންމެ ބޮޑު ކަމަކީ ކޮބާ ހެއްޔެވެ. އެންމެ ބޮޑު ހުވަފެނަކީ ކޮބާ ހެއްޔެވެ. ނަމަވެސް އެ ހުވަފެންތައް ހަގީގަތަކަށް ވަނީ މަދު ބައެއްގެވެ. ގައްޒާގައި ދިރިއުޅޭ ކުޑަކުދިންގެ ހުވެފަންތައް ހަގީގަތަކަށް ވުމުގެ ރާސްތާ ވަނީ ގޮންޖެހުންތަކަކާ ކުރިމަތި ވެފައެވެ. ވެސްޓް ބޭންކްގެ ހަޅުލް އަށް އުފަން އުމުރުން 14 އަހަރުގެ ނަޖީ އަލް ބާބާ ގެ ހުވަފެންތަށް ހަގީގަތަކަށް ވުމުގެ މަގު ވަނީ ބަނދު ވެފައެވެ.

ދުނިޔޭގެ ކޮންމެ ކުއްޖެކޭ އެއްފަދައިން ނަޖީ އަލް ބާބާގެ ވެސް ހުވަފެނެށް އޮތެވެ. ބޭނުންވީ މިހާރު އަލް ނަސްރު އަށް ކުޅެމުންދާ ދުނިޔޭގެ ފެންވަރުގެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ކަހަލަ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށް ވާންށެވެ. ނަމަވެސް ވެސްޓް ބޭންކްއަށް އުފަންވުމުގެ ބަދުނަސީބުކަން އޭނާގެ ހަޔާތަށް ވެރިވި އެވެ. ރައްޓެހިންނާއި އެކީ ފުޓުބޯޅަ ކުޅެން ހުއްޓާ އިސްރާއިލުން ދިން ހަމަލާ އަކުން ނަޖީ ގެ ފުރާނަ މި ދުނިޔެ ދޫކޮށްދިޔައީ، ހުވަފެންތައް ހަގީގަތަކަށް ވުމުގެ މަގު އެއްކޮށް ބަނދުވެގެން ދިޔައީ އެވެ.

ނަޖީ ނިޔާވި ދުވަސް ނޮވެމްބަރ 3، ފެށިގެން ދިޔައީ ވަރަށް އާދައިގެ ގޮތަކަށް ކަމަށް ނަޖީގެ ބައްޕަ ނިދާލް އަބްދެލް މޯތީ އަލް ބާބާ ބުންޏެވެ. ހެނދުނު އޭނާ ބަތްލެމް އަށް މަސައްކަތް ކުރަން ދިޔަ ކަމަށާއި ނަޖީ އެވަގުތު ސުކޫލަށް ދިޔަ ކަމަށެވެ. މެންދުރު 12 ޖެހިއިރު މަސައްކަތް ނިންމާލާފަ ގެއަށް ދިޔަ މަގުމަތީ ސުކޫލުން ނަޖީ ނިކުއިން ތަން ފެނިގެން ދެމީހުން އެއްކޮށް އެދުވަހު ގެއަށް ދިޔަ ވާހަކަ ނިދާލް ކިޔާ ދިނެވެ. އެދުވަހު މެނދުރުގެ ކެއުމަށް ނަޖީގެ ދައްތަމެން ތައްޔާރު ކޮށްފައި ހުރީ ނަޖީ އަށް އެންމެކަމުދާ ކެއުން ”މޮލޯކިއާ އަދި ކުކުޅު“ އެވެ. އެޔަށްފަހު ރައްޓެހިންނާއި އެކު ފުޓުބޯޅަ ކުޅެން ދާން ނިދާލް ކައިރީ ނަޖީ ހުއްދަ ހޯދި އެވެ. ގެއާ މާ ދުރުނޫން ނަޖީގެ ކާފަގެ ތަރުކާރި ވިއްކާ ފިހާރަ ކުރިމަށްޗަށެވެ. ނިދާލް ގޭ ދޮރުމަތިން ފެންނަ ހިސާބުގައި އެވެ. މެނދުރުފަސް 3 ގެ ފަހުން ގެއަށް ވަދެލާފައި އަނެއްކާވެސް ނަޖީ އޭނާގެ ރައްޓެހިންނާއި އެކު ކުޅެން ނިކުތެވެ. ނަމަވެސް އެއީ ނަޖީ ދިރިހުއްޓާ އޭނާގެ އާއިލާއަށް ފެންނާނެ އެންމެ ފަހު ފަހަރެވެ.

މެނދުރުފަސް 3:30 ކަންހާއިރު ނަޖީގެ އާއިލާ ކުއްޖެއް ދުވަމުން ނިދާލް އަށް ގޮވަމުން ގެއަށް ވައިންކަން ނިދާލް ބުންޏެވެ. އިސްރާއިލް ސިފައިން ނަޖީ އާއި އޭނާގެ ރައްޓެހިން ކުޅެން ތިބިތަނަށް އައިސް ބަޑީގެ ހަމަލާ ދޭންފަށައި ނަޖީ ގަޔަށް ވަޒަން އެރިވާހަކަ އެ ކުއްޖާ ކިޔާދިނެވެ. ހިދުކޮޅަކަށްވެސް މަޑުކުރުމެއްނެތި ނިދާލް އާއި އޭނާގެ ބޭބެ ސަމީރު އެކުދިން ކުޅެންތިބި ސަރަހައްދަށް ދުވަން ފެށިއެވެ. އެހިސާބަށް ދެވުނު އިރު އިސްރާއީލްގެ 10 އޮފިސަރުން އެތާ ތިބިކަން ނިދާލް ބުންޏެވެ. އޭނާގެ ދަރިފުޅު އިސްރާއިލް އޮފިސަރުން ގާތު ދޭން ބުނުމުން ނިދާލް އަށާއި އޭނާގެ ބޭބެ ސަމީރު އަށް އަނިޔާ ކުރަންފެށި އެވެ. އެކަމުގެ ތެރޭގައި ނިދާލް ގެ އަތް ބިންދައިގެން ދިޔައެވެ. އަނިޔާ ކުރުމަށްފަހު އަތުގަ ބިޑި އަޅުވާފައި ފައި ބަނދެފަ 40 މިނެޓު ވަންދެން މަގުމަތީގައި ބޭއްވި އެވެ. ނިދާލް ގެ ހަޔާތުގައި ތަހައްމަލް ކުރަން ޖެހުނު އެންމެ އުނދަގޫ 40 މިނެޓެވެ.

އިސްރާއިލް ސިފައިން އަނިޔާ ކުރުމުގެ ސަބަބުން ނިދާލް އަލް ބާބާގެ އަތައް އަނިޔާވެފައި

”އަހަންނަށް އަޑު އިވުނު އެތަނުން އޮފިސަރެއް ބުނީ 2 ޓީމަށް ބެހިލާފަ 5 މީހުން ކަނާތުގަ އަދި 5 މީހުން ވާތުގަ މަޑުކޮށް ހަށިގަނޑު އުފުލަން“ ނިދާލް ބުންޏެވެ. ”އެހިސާބުން އަހަރެން ހަޅޭއްލަވަން ފެށީ 14 އަހަރުގެ ކުއްޖެއް ކަލޭމެން މަރާލަން ވީ ސަބަބަކީ ކޮބާހޭ؟ އެ ކުއްޖާ ކަލޭމެންނަށް ކީތް ކުރީ؟“

މިހެން ނިދާލް ބުނުމުން އިސްރާއީލުގެ އޮފިސަރެއް ނިދާލް އަށް ރައްދުދެމުން ބުނީ ފަލަސްތީނު ރައްޔިތުން ވަންނަން މަނާ ސަރަހައްދެއްގައި މި ކުއްޖާ އުޅުނު ކަމަށެވެ. އޮފިސަރު މިހެން ބުނުމުން ނިދާލް ޝައްކެއް މަތީގައި ހުރެފައި ބުނީ އެހެން ވިއްޔާ އެއީ ތިމަންނަގެ ދަރިއެއް ނޫން ކަމަށެވެ. ނަމަވެސް އިސްރާއިލު ސިފައިން އެ 14 އަހަރު ކުއްޖާގެ ހަށިގަނޑު އުފުލައިގެން ގެންދިޔަ ވަގުތު ނިދާލް އަށް ފެނުނީ އެ ކުއްޖާ އަރައިގެން ހުރި ބޫޓެވެ. އެހިސާބުން އެއީ ނަޖީ ކަން އޭނާ އަށް ކަޝަވަރު ވިޔެވެ. ނަޖީގެ އުފަން ދުވަހު ނިދާލް ނަޖީ އަށް ގަނެދިން ބޫޓެކެވެ. ނަޖީ ގެ ހަޔާތުގައި އެންމެ އުފާވި ދުވަސް ކަން ނިދާލް ބުންޏެވެ. ނަމަވެސް އޭރު އިސްރާއިލް ސިފައިން ނަޖީގެ ހަށިގަނޑު އެމީހުންގެ އާރމީ އުޅަނދައް ލައިގެން ގެންދަނީ އެވެ. އަދި ނިދާލް އަށާއި ސަމީރުއަށް އެތަނުން ދިޔުމަށް އިނޒާރު ދީފައި އެމީހުން ދިޔަ އެވެ.

ނަޖީގެ އާއިލާއަށް އެ ހާދިސާއެއް ހިނގިތާ ދެގަޑިއިރު ފަހުން އިނގުނީ ފަލަސްތީން އެމްބިއުލަންސް އެއްގައި ނަޖީގެ ހަށިގަނޑު ވެސްޓް ބޭންކްގެ ހަޅުލްގެ އަބޫ މާޒެން ހޮސްޕިޓަލްއަށް ގެންގޮސްފައިވާ ކަމަށެވެ. ފޮރެންސިކް ރިޕޯޓުން އިނގިގެން ދިޔައީ ނަޖީގެ ހަށިގަނޑަށް 4 ވަޒަން އަރާފައިވާ ކަމަށެވެ. އެއްވަޒަން ޕެލްވިސް އަށް، އެއްވަޒަން ފަޔަށް، އެއްވަޒަން ކޮނޑަށް އަދި އެއްވަޒަން ހިތަށެވެ. އަދި މީގެ އިތުރުން އިނގިގެން ދިޔައީ ސިއްހީފަރުވާއެއް ނުދީ 30 މިނެޓުވެގެންދިޔުމުގެ ސަބަބުން ނަޖީގެ ފުރާނަ ގެއްލިގެން ދިޔަ ކަމަށެވެ.

ސަތޭކައަށް ވުރެ ގިނަ މީހުން ނަޖީ އަލް ބާބާ ގެ ޖަނާޒާގައި ބައިވެރިވި އެވެ

އޭގެ އަނެއް ދުވަހުގެ ހެނދުނުގެ ވަގުތުގައި ނަޖީ ގެ އާއިލާއަށް ނަޖީގެ ހަށިކޮޅު ބަލަން ފުރުސަތު ލިބިގެން ދިޔަ އެވެ. ނިދާލްގެ އަތަށް އަނިޔާ ވެފައި ވީނަމަވެސް ނަޖީގެ ހަށިކޮޅު އުފުލާ ޖަނާޒާ އާއި ހަމަޔަށް ގެންދިޔަ އެވެ. ހަޅުލްގެ ސަތޭކައަށް ވުރެ ގިނަ މީހުން ނަޖީ އަލް ބާބާގެ ޖަނާޒާގައި ބައިވެރިވި އެވެ.

މި އާއިލާ ވެއްޓިގެން ދިޔައީ ބޮޑު އަނދިރި ގަނޑަކަށެވެ. މިއާއިލާގެ އަލި ނޫރު ފަނޑުވެގެން އެ ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ބޮޑެތި ހުވަފެންތަކެއް ދެކެމުން އައި ޒުވާން ނަޖީ އަލް ބާބާގެ ދިރިއުޅުން ނިމުމަކަށް މި އައީ އުމުރުން އެންމެ 14 އަހަރުގައި އެވެ.

އަނިޔާވެރި އިސްރާއީލް ގައްޒާ ގައްޒާ ހަނގުރާމަ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ