ދެކުނު ކޮރެއާގައި މާޝަލް ލޯ ތަންފީޒު ކުރަން މަސައްކަތް ކުރި ކަމައްޓަކައި އެގައުމުގެ ރައީސް ޔޫން ސުކް ޔެއޯލް އެގައުމުގެ ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފި އެވެ.
ޔޫން ވިދާޅުވީ 1980 އިން ފެށިގެން ދެކުނު ކޮރެއާގައި ފުރަތަމަ ފަހަރަށް މާޝަލް ލޯ އިޢުލާންކުރުމަށް ނިންމި ނިންމުމުގެ ޤާނޫނީ އަދި ސިޔާސީ ޒިންމާ ނެގުމުން ފިލައިގަންނަން މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މި ނިންމުމަކީ ހާސްކަމުގެ ތެރެއިން އުފެދުނު ނިންމުމެއް ކަމަށެވެ.
ޔޫން އިސްތިއުފާ ނުދިން ނަމަވެސް، މި ދަނޑިވަޅަކީ، ވެރިކަންކުރާ ޕާޓީގެ ބައެއް މެންބަރުންނާއި އިދިކޮޅު ޕާޓީގެ މެންބަރުންގެ އިތުރުން އަމިއްލަ މެންބަރުންވެސް އޭނާގެ އިސްތިއުފާއަށް ގޮވަމުން ދާ ދަނޑިވަޅެކެވެ. މިއަދުގެ ވަގުތެއްގައި ޔޫންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނެ އެވެ.
”އަޅުގަނޑު ވަރަށް ބޮޑަށް މަޢާފަށް އެދެން، އަދި މިކަމުން ސިހުނު ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު މަޢާފަށް އެދެން،“ ޔޫން ވިދާޅުވީ ޤައުމަށް ޓީވީން ދެއްކި ޚިޠާބެއްގައެވެ. އަދި ދެވަނަ ފަހަރަށް މާޝަލް ލޯ ތަންފީޒުކުރަން މަސައްކަތް ނުކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
”އަޅުގަނޑުގެ ދައުރުގެ މައްސަލަ ހިމެނޭގޮތަށް، މުސްތަޤުބަލުގައި ސިޔާސީ ހާލަތު ހަމަޖެއްސުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އަޅުގަނޑުގެ ޕާޓީއަށް ދޫކޮށްލާނަން،“ އޭނާ އިތުރަށް ވިދާޅުވިއެވެ.
ދެކުނު ކޮރެއާގެ ދިދައިގެ ކުރިމަތީގައި ހުންނަވައި، ޔޫން އޭނާގެ ކުރު ވާހަކަކޮޅު ނިންމެވުމަށްފަހު ސަލާމްކުރެއްވިއެވެ. އަދި ހިނދުކޮޅަކަށް ހިތާމައާއެކު ކެމެރާއަށް ބައްލަވައިލެއްވިއެވެ.
ޕީޕަލްސް ޕަވަރ ޕާޓީ (ޕީޕީޕީ) ގެ ލީޑަރު ހާން ޑޮންގް-ހޫން ވިދާޅުވީ، މި ޚިޠާބަށްފަހު ރައީސްއަކަށް އިތުރަށް އޭނާގެ ރަސްމީ ވާޖިބުތައް އަދާކުރެވޭނެ ހާލަތެއްގައި ނެތްކަމަށާއި، މިހާރު އޭނާގެ އިސްތިއުފާ ދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
ހުކުރު ދުވަހު ހާން ވިދާޅުވެފައިވަނީ ޔޫންއަކީ ޤައުމަށް ނުރައްކަލެއް ކަމަށާއި، އޭނާ ވެރިކަމުން ދުރުކުރަން ޖެހޭ ކަމަށެވެ. މިއީ ޕީޕީޕީގެ މެންބަރުން ފަހުން ރަސްމީކޮށް އޭނާ އިމްޕީޗްކުރުމާ ދެކޮޅަށް ތާއީދު އާކުރި ނަމަވެސް، ޔޫންގެ މައްޗަށް އިސްތިއުފާ ދިނުމަށް އޮތް ބާރު އިތުރުވެގެންދިޔަ ކަމެކެވެ.
މި ޢަމަލުގެ ސަބަބުން އޭޝިއާގެ ހަތަރުވަނައަށް އެންމެ ބޮޑު އިޤްތިޞާދު އަދި އެމެރިކާގެ މުހިންމު ސިފައިންގެ ބައިވެރިއެއްކަމުގައިވާ ޤައުމު ވަނީ ބޮޑު އަޑިގަނޑަކަށް ވެއްޓި، ބޮޑު ސިޔާސީ ހަމަނުޖެހުމަކަށް ވެއްޓިފައެވެ. އަދި ދެކުނު ކޮރެއާގެ ޑިމޮކްރަސީގެ ކާމިޔާބު ވާހަކައިގެ ނަމޫނާގެ ގޮތުގައި އޮތް ޝަރަފު ގެއްލިދާނެކަމުގެ ބިރު ހީވެފައެވެ.