ބަނޑުހައިހޫނުކަން ފިލުވުމައްޓަކައި ގައްޒާގެ ރައްޔިތުން ކުރާ އުނދަގޫ ދިގު ދަތުރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ގާތްގަނޑަކަށް 14 މަސްދުވަހުގެ ހަނގުރާމައަކަށްފަހު، ކާބޯތަކެތީގެ ދަތިކަމާ ކުރިމަތިލާންޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުން، ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ޣައްޒާ ސަރަޙައްދުގައި ފުށް ނުވަތަ ރޮށި ހޯދުމަށް ދިގު ދުވަސްތަކެއް ހޭދަކުރާ ގޮތް ހިއްސާކޮށްދޭ އެވެ.

ކޮންމެ ހެނދުނެއްގައި، ފަލަސްޠީނު ސަރަޙައްދުގައި ހުޅުވިފައި ހުންނަ މަދު ބޭކަރީތަކުގެ ކުރިމަތީގައި މީހުން އެއްވެ އެވެ. ބަނޑުހައި ހޫނުކަމުގެ އިހުސާސު ފިލުވުމަށެވެ.

”ރޮށި ހޯދުމަށް އަޅުގަނޑު ގާތްގަނޑަކަށް 8 ކިލޯމީޓަރު ހިނގައިފިން،“ ވަގުތީ ޓެންޓުތަކެއް ހަދައިގެން އުޅޭ ސަރަޙައްދެއްގައި ދިރިއުޅޭ، ގެދޮރު ދޫކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތެއްކަމަށްވާ ހާތަމް ކުއްލާބް ބުންޏެވެ.

ޣައްޒާގެ މައްޗަށް އިސްރާއީލުން ފެށި ހަނގުރާމަ ފެށުނީއްސުރެ، ޚައިރާތް ޖަމްޢިއްޔާތަކާއި ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކުން ތަކުރާރުކޮށް އިންޒާރުދީފައިވަނީ، ސަރަޙައްދުގެ ދެ މިލިއަނެއްހާ މީހުންނަށް ބަނޑުހައިހޫނުކަމުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށެވެ.

އދ. ގެ އެހީތެރިކަމާއެކު ފާއިތުވި މަހު ކުރެވުނު ދިރާސާއަކުން އިންޒާރުދީފައިވަނީ އުތުރު ޣައްޒާގައި ބަނޑުހައިހޫނުކަން ފެތުރެމުންދާ ކަމަށެވެ. އެއީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން އެ ސަރަޙައްދަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުން ހުއްޓިފައިވާތީ އެވެ. ފެނާއި ބޭސްފަރުވާގެ ތަކެތިވެސް ވަނީ މަދުވެފަ އެވެ.

މިހާރު ޣައްޒާގެ ހުރިހާ ސަރަޙައްދެއްގައިވެސް މީހުން ހޭލަނީ ފަތިހުއްސުރެ، ފުށް ނުވަތަ ރޮށި ހޯދުމުގެ އުންމީދުގަ އެވެ. މިހާރު މި ތަކެތި ލިބެން ހުރި މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވުމާއި އެކު އެވެ.

”ފުށެއް، ކާނާއެއް، ތަރުކާރީއެއް މާރުކޭޓުތަކުގައި ނެތް،“ 56 އަހަރުގެ ނާސިރު އަލް-ޝަވާ ބުންޏެވެ.

ގިނަ ރައްޔިތުންނެކޭ އެއްފަދައިން، އޭނާވެސް ބޮމުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ދޫކޮށް، މިހާރު ދަރިންނާއި ކާފަ ދަރިންނާއެކު ދިރިއުޅެނީ މެދު ޣައްޒާގަ އެވެ.

ގައްޒާގެ މެދުތެރޭގައި އޮންނަ ނުސައިރާތު ރެފިއުޖީ ކޭމްޕުގައި ހުރި ބޭކަރީއެއްގެ ބޭރުގައި ފަލަސްޠީނުގެ މީހުން ރޮށި ލިބުމަށް އިންތިޒާރުކުރުމުގަ

ޣައްޒާގެ ތެރޭގައި، ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ އިމާރާތްތައް ވަނީ ހަލާކުވެފަ އެވެ. އުފެއްދުންތެރިކަން ވަނީ ހުއްޓުމަކަށް އައިސްފައެވެ. ފުށް ފިހާރަތަކާއި، ފުށް ރައްކާކުރާ ގުދަންތަކާއި، ސިނާޢީ ބޭކަރީ ތައް ހަމަލާތަކުގެ ސަބަބުން ބޮޑު ގެއްލުމެއް ވެފައިވާތީ އޮތީ މަސައްކަތް ނުކުރެވޭ ހާލަތުގައި އެވެ.

އިންސާނީ އެހީ ވަރަށް މަދުން ވަދެއެވެ. އަދި އެހީދޭ ޖަމާޢަތްތަކުން ތަކުރާރުކޮށް ޝަކުވާކުރަނީ އިސްރާއީލުން އެތައް ހުރަސްތަކެއް ކުރިމަތިކުރުވާ ކަމަށެވެ. އެހެންނަމަވެސް އިސްރާއީލުން މިކަން ދޮގުކުރެ އެވެ.

އދ. ގެ ފަލަސްޠީނު ރެފިއުޖީންގެ އޭޖެންސީ (އަންރުވާ) އިން އާދީއްތަ ދުވަހު އިޢުލާނުކުރީ ކަރަމް އަބޫ ސާލިމް ކްރޮސިންގ މެދުވެރިކޮށް ޣައްޒާއަށް އެހީ ފޯރުކޮށްދިނުން ހުއްޓާލާ ކަމަށެވެ. އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ނުކުރެވޭކަމަށް ބުނެފައިވަނީ އޭގެ ތެރެއިން ބައެއް ސަބަބުތަކުގެ ގޮތުގައި ފޮނުވާ އެހީ ގޭންގުތަކުން ވަގަށްނަގާކަމަށް ފާހަގަކޮށްފަ އެވެ.

ދެކުނު ޣައްޒާގެ އަލް-މަވާސީގައި ފިރިމީހާއާއި 7 ދަރިންނާއެކު ޓެންޓެއްގައި ދިރިއުޅޭ ލައިލާ ހަމާދަށް، އަންރުވާގެ މި ނިންމުމަކީ ’ބޮލަށް ޖެހުނު ވަޒަނެއް‘ ފަދަ ކަމެކެވެ. އޭނާ ބުނި ގޮތުގައި އޭނާގެ އާއިލާއަށް އަންރުވާއިން ގަވާއިދުން ’ކުޑަ މިންވަރެއްގެ‘ ފުށް ލިބެމުން އައެވެ.

”ކޮންމެ ދުވަހަކު އަޅުގަނޑު ހިތަށް އަރަނީ އަޅުގަނޑުމެން ދިރިއެއް ނުހުންނާނެ ކަމަށް، އެއީ އިސްރާއީލުގެ ބޮމުގެ ހަމަލާތަކުން މަރުވެދާނެތީ ނުވަތަ ބަނޑުހައިހޫނުކަމުން މަރުވެދާނެތީ، ތިންވަނަ ގޮތެއް ނެތެވެ“ އޭނާ ބުންޏެވެ.

ގައްޒާ ގައްޒާ ހަނގުރާމަ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ