ފިލިޕީންސްގެ ނައިބު ރައީސް ސާރާ ޑުޓެރްޓެ އެ ޤައުމުގެ ރައީސް ފަރްދިނާންދް ”ބޮންގްބޮންގް“ މާރްކޮސް ޖޫނިއަރ މަރާލާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފި އެވެ. މި އިންޒާރާ ގުޅިގެން އެ ޤައުމުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ހަރުދަނާކޮށްފަ އެވެ.
އިއްޔެ ބޭއްވުނު އޮންލައިން ބްރީފިންގެއްގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވެފައިވަނީ އޭނާއަށް މަރުގެ އަދަބު ދިނުމުން ރައީސް އަވަހާރަކޮށްލުމަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ފަސްޓް ލޭޑީ ލީޒާ އަރަނެތާ އަދި މަޖިލީހުގެ ރައީސް މާޓިން ރޮމުއަލްދެޒް ވެސް މަރާލުމަށް އެ މީހުންނަށް އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.
”އަހަރެން ބުނި އެ މީހުން މަރާލެވެންދެން ހުއްޓާނުލުމަށް. އޭނަ ބުނި އާއެކޭ“ ފިލިޕީންސްގެ ނައިބު ރައީސް އަދި 46 އަހަރުގެ ޤާނޫނީ ވަކީލް ވިދާޅުވި އެވެ.
ޑުޓެރްޓެ މިގޮތަށް ވިދާޅުވީ އޮންލައިން ކޮމެންޓްރޭޓަރަކު ރައްކާތެރިކަމާއެކު ޑުޓެރްޓެ ހުރުމަށް އިލްތިމާސްކުރުމުންނެވެ. އެގޮތުން އޭނާ ބުނީ ޑުޓެރްޓެ އަދި ޗީފް އޮފް ސްޓާފް، ކޮންގްރެސްގެ ތިރީ މަޖިލީހުގައި ރޭގަނޑު ހޭދަކުރަމުންދާތީ، އެއީ ދުޝްމަނުންގެ ސަރަޙައްދެއް ކަމަށެވެ.
މި އިންޒާރާ ގުޅިގެން ފިލިޕީންސްގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ. އަދި ރައީސްގެ ސަލާމަތީ ކަންކަން ބަލަހައްޓާ އިދާރާއިންވެސް ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
ފިލިޕީންސްގެ ޖިނާއީ ޤާނޫނުގެ ދަށުން، މިފަދަ ބަޔާންތަކަކީ މީހެއްގެ ނުވަތަ އޭނާގެ ޢާއިލާއަށް ގެއްލުމެއް ދިނުމަށް ބިރުދެއްކުމުގެ ކުށެއްގެ ގޮތުގައި ބެލެވިދާނެ އަދި އެއީ ޖަލު ޙުކުމަކާއި ޖޫރިމަނާއަކުން އަދަބު ދެވިދާނެ ކަމެކެވެ.
މިއީ ނައިބު ރައީސް ސާރާ ޑުޓެރްޓެ ރައީސްއާ ދެކޮޅަށް ދެއްވާފައިވާ ފުރަތަމަ ބަޔާނެއް ނޫނެވެ. އޮކްޓޯބަރު މަހު، ސާރާ ޑުޓެރްޓެ ވަނީ ރައީސް މާރްކޮސްއަށް ނުކުޅެދުންތެރިކަމުގެ ތުހުމަތު ކުރައްވާ، އޭނާގެ ބޯ ކަނޑާލުމަށް ހިތަށްއެރި ކަމަށް ވިދާޅުވެފަ އެވެ.