ވައި ނުސާފުވުމުގެ ސަބަބުން އިންޑިއާގެ ނިއު ދިއްލީގެ ސްކޫލުތައް ބަންދުކޮށްފި އެވެ.
އެންޑީ ޓައިމްސް އިން ރިޕޯޓްކުރި ގޮތުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހޯމަ ދުވަހު ސްކޫލްތައް އޮންލައިން ކްލާސްތަކަށް ބަދަލުކޮށްފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދުވާލަކު އެންމެ ގިނައިން ވައިނުސާފުވާ ކަމަށް ކަނޑައަޅާ މިންވަރަށް ވުރެ 60 ގުނައަށް ވުރެ ގޯސްވަމުން ދިޔަ ވިހަ ދުމުގެ އަސަރު އިތުރުވުމުން ނެވެ.
ޕީއެމް2.5 ތަގައްޔަރުވާ މާއްދާތަކުގެ މިންވަރު މަތިކަމުން ފުއްޕާމޭ މެދުވެރިކޮށް ލޭގެ ތެރެއަށް ވަންނަ ނުރައްކާތެރި ކެންސަރު ޖައްސާ މައިކްރޯޕާޓިކަލްސް އުފެދެ އެވެ. ހޯމަ ދުވަހުގެ ހެނދުނު ކިއުބިކް މީޓަރަކަށް 907 މައިކްރޯގްރާމް އަށް ނިއު ދެއްލީގެ ވިހަ ދުން އަރާފައިވާ ކަމަށް އައިކިއުއެއާގެ ޕޮލިއުޝަަން މޮނިޓަރުން ދައްކާފައި ވެއެވެ. ޑަބްލިޔުއެޗްއޯ އިން ބުނީ މި މިންވަރަކީ ސިއްހަތަށް ނުރައްކާތެރި މިންވަރެއް ކަމަށެވެ. މިހާރު ނިއު ދެއްލީގައި މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ލޮލަށް ތަދުވުން ފަދަ ކަންތައްތައް ދިމާވާ ކަމަށް ޝަކުވާ ކުރަމުން ނެވެ.
ވަކިވަކި މޮނިޓަރިން ސްޓޭޝަންތަކުން އެއަށްވުރެ މަތީ މިންވަރެއް ފާހަގަކޮށްފަ އެވެ. އެއް ސްޓޭޝަނުން ޕީއެމް2.5 ތަޣައްޔަރުވާ މިންވަރު 980 ގައި ރެކޯޑްކޮށްފައިވާއިރު، މިއީ ޑަބްލިޔުއެޗްއޯގެ އެންމެ މަތީ މިންވަރުގެ 65 ގުނަ އެވެ.
ކޮންމެ އަހަރަކު ވެސް ވިހަ ދުންތަކުން ސިޓީ ފުރިފައިވާއިރު، މައިގަނޑު ގޮތެއްގައި މިކަމުގައި ހިއްސާވަނީ އަވަށްޓެރި ސަރަހައްދުތަކުގެ ދަނޑުވެރިން ދަނޑުވެރިކަން ކުރުމަށް ދަނޑުތައް ސާފުކުރުމަށް ގަސް އަންދާލުމުގެ އިތުރުން ފެކްޓްރީތަކާއި ޓްރެފިކް ދުންތަކަށެވެ. މިކަމަށް ހައްލެއް ހޯދުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ސެންޓްރަލް ގަވަމެންޓަށް އަމުރުކޮށްފަ އެވެ. ނަމަވެސް ސެންޓްރަލް ގަވަމެންޓްތަކުގެ އޮފިޝަލުންގެ ކުރިމަތީގައި ދަނޑުވެރި ވިޔަފާރިވެރިންގެ ނުފޫޒު ބޮޑުކަމަށް ބެލެވޭ ކަމަށް ރިޕޯޓްގައި ވެއެވެ.
ރިޕޯޓްގައިވާ ގޮތުގައި އިންޑިއާގެ ނިއު ދެއްލީގައި އުޅަނދުތަކާއި ކާރުހާނާތަކުން ބޭރުވާ ދުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް މީހުން މަރުވާންވެސް މެދުވެރިވެ އެވެ. ފަސް އަހަރު ދުވަހުގެ ތެރޭގައި އެއްކުރި ސާމްޕަލްތަކަށް ބިނާކޮށް ނިއުޔޯކް ޓައިމްސް އިން މި މަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ނިއު ދެއްލީ ސިޓީގެ ކުނިކޮށްޓާއި އިންޖީނުގެއަކުން ވެސް ނުރައްކާތެރި ދުންތަކެއް އަރަމުންދާ ކަމަށެވެ.
އިންޑިއާގެ ކަމާއި ގުޅުންހުރި އިދާރާތަކުން މިހާރު ވަނީ ވީހާވެސް ބޮޑަށް ބޭރަށް ނުނިކުމެ، ގޭތެރޭގައި ތިބުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އެއާ ޕިއުރިފަޔާ ފަދަ އާލާތްތައް ބޭނުންކުރުމަށްވެސް އިލްތިމާސްކޮށްފައި ވެއެވެ.
ވައިނުސާފުވުމުގެ ސަބަބުން ސްކޫލުތަކުގެ އިތުރުން ނިއުދެއްލީގެ ފްލައިޓްތަކުގެ ޝެޑިއުލަށްވެސް ބަދަލުތައް ގެނެސްފައި ވެއެވެ.