އީރާނަށް މިއަދު ދިން ހަމަލާގެ ބަދަލު ހިފައިފިނަމަ، އަނެއްކާ އީރާނަށް ހަަމަލާ ދޭން އިޒްރޭލަށް މަޖުބޫރުވާނެ ކަމުގައި އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާނު ދާނިއަލް ހަގަރީ ބުނެފި އެވެ.
މިއަދު ހެނދުނު އެކްސްގައި ކުރި ޕޯސްޓެއްގައި ހަގަރީ މިހެން ބުނީ އީރާނަށް އިޒްރޭލު އަސްކަރިއްޔާއިން ވައިގެ މަގުން ހިންގި އަސްކަރީ އޮޕަރޭޝަން ނިންމުމަށްފަހު އެވެ. އޭނާ ބުނީ އީރާނަށް ހަމަލާ ދީފައިވަނީ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށްގެން ކަމަށެވެ. މި ހަމަލާތަކުގައި ”އިޒްރޭލަށް ހަމަލާ ދޭ އީރާންގެ މިސައިލް އުފައްދާ ތަންތަން ނައްތަން“ މަސައްކަތްކޮށްފައިވާ ކަމަށް ހަގަރީ ބުނެފައި ވެއެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން އީރާނުން އަދި ވަކި އެއްޗެއް ބުނެފައި ނުވެ އެވެ.
މި ހަަމަލާތައް އަމާޒުކޮށްފައިވަނީ އީރާންގެ ވެރިރަށް ތެހެރާންގެ 20 ވަރަކަށް ތަންތަނަށެވެ. ނަމަވެސް އީރާނުން ބުނީ އިޒްރޭލުގެ ހަމަލާތައް ކާމިޔާބުކަމާއިއެކީ އީރާންް އަސްކަރިއްޔާއިން ދިފާއުކޮށްފައިވާ ކަމަށެވެ. ގަޑިއިރުތަކަށްފަހު މި ހަމަލާތައް ނިންމާލާފައި އިޒްރޭލު އަސްކަރިއްޔާއިން ބޭސްއަށް އަނބުރާ ގޮސްފައިވަނީ އީރާނު ގަޑިން ފަތިހު 05:00 ޖެހިއިރު އެވެ.
މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިވާ ކަމަށް އީރާނާއި އިޒްރޭލުން ބުނެފައި ނުވެ އެވެ.
އިޒްރޭލުން އީރާނަށް ހަމަލާ ދިނީ މި މަހުގެ ކުރީކޮޅު އީރާނުން އިޒްރޭލަށް ދިން ހަމަލާގެ ބަދަލު ހިފުމަށެވެ. އީރާނުން އެގޮތަށް އަމަލުކުރީ އެގައުމުން ފަންޑްކޮށްގެން ހިންގާ ޕްރޮކްސީ ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރަﷲގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން ނެވެ.